އެމްއެންޔޫގެ ލެކްޗަރަރ، އަލީ ހަފީޒަށް އަނިޔާވި އެކްސިޑެންޓަކީ ހަފީޒްގެ ކުށުން ހިނގި އެކްސިޑެންޓެއްގެ ގޮތުގައި ސިފަކޮށްދޭން މި އެކްސިޑެންޓްގައި ލައިސަންސު ނެތި ދުއްވި ޒުވާނާގެ ފަރާތުން މަސައްކަތް ކޮށްފިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރުގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ކޯޓުން ބުނެފައިވަނީ ޝަމްއާންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިކަމަށެވެ. އެގޮތުންއޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
ކޯޓުން ބުނީ ޝަމްއާން ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގިކަމާމެދު އަދި މިކަމުގެ ސަބަބުން މީހަކަށް އަނިޔާ ލިބިފައިވާކަމާމެދު އޭނާގެ ފަރާތުން އިންކާރު ނުކުރާކަމަށް ވަކީލުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ ހަފީޒު ކަފިހި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށް ޝަމްއާންގެ ވަކީލް ބުނެފައިވެއެވެ. އަދި އެ އެކްސިޑެންޓު ހިނގީ ޝަމްއާންސައިކަލުގައި ދަނިކޮށް ހަފީޒު މަގު ހުރަސް ކުރަމުން، ސައިކަލު އަންނަތަން ފެނިގެން ހާސްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެ، ސައިކަލުގައި ޖެހިގެން ކަމަށް ވެސްވއޭނާގެ ވަކީލް އިތުރަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ގާނޫނީ މާއްދާތަކަށް ބަލާއިރު އެ ތުހުމަތުތަކާއި ހާދިސާ އާ ނުގުޅުވޭ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ޝަމްއާންގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމާއި ބާޑު ސްޕީޑްގައި ސައިކަލު ދުއްވިކަމަށް އޭނާ އެއްބަސްވާ ކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ފާހަގަކުރިއެވެ. ޝަމްއާންގެ ކުށުގެ ރެކޯޑު ހުރިކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ހަފީޒުގެ ހާލަތު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމާއި ގުޅިގެން އެމްބިއުލާންސްގައި ހަފީޒް ގެންދިއުމަށް އާއިލާއާއި ގާތް ފަރާތްތަކުގެދީލަތި އެހީ ލިބި އިއްޔެގެ ވަގުތެއްގައި އިތުރު ފަރުވާއަށް ހަފީޒު މިހާރު ވަނީ އިންޑިއާއަށް ފޮނުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް