ވަޔާ ވިއްސައިގެން މޫދަށް ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް: މިނިސްޓްރީ

ހުޅުމާލޭ ބްރިޖްގެ ހައިވޭގައި ހަރުކުރުމަށް ގެންގޮސްފައިވާ ސޯލާ ޕެނަލަތަކުގެ ތެރެއިން ވަޔާ ވިއްސައިގެން މޫދަށް ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފިއެވެ....

05 Jul 2023 | 06:02

ހުޅުމާލޭ ބްރިޖްގެ ހައިވޭގައި ހަރުކުރުމަށް ގެންގޮސްފައިވާ ސޯލާ ޕެނަލަތަކުގެ ތެރެއިން ވަޔާ ވިއްސައިގެން މޫދަށް ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފިއެވެ.

ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު ބައެއް ޕެނަލްތައް ވިއްސައިގެން މޫދަށް ދިއުމާ ގުޅިގެން މިނިސްޓްރީން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ، އިއްޔެ ހަވީރު ހަވާ ވިއްސައިގެން މޫދަށް ގޮސްފައި ވަނީ ހަތަރު ޕެނަލް ކަމަށެވެ. އަދި އެއީ މޫދާވީފަޅީގައި ސޯލާ ޕީވީ މޮޑިއުމްސްތައް މަސައްކަތް ކުރަމުން ދިޔައިރު، އެތަނުގައި ބަހައްޓާފައި ހުރި ޕެނަލްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލެއް ނޫން" މިނިސްޓްރީއިން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި ހާދިސާގައި އެއްވެއް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި ހާދިސާގެ ސަބަބުން ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއް އޮތްކަމަކަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

މިހާތަަނަށް ބެލި ބެލުމުން، ސްޓްރަކްޗަރގައި ހަރުކޮށްފައިވާ އެއްވެސް ޕެނަލްއަކަށް އަދި ސްޓްރަކްޗަރ އަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޑިޒައިން ފޯލްޓެއް ފާހަގަ ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މޫދަށް ދިޔަ ޕެނަލްތައް މިހާރު ވަނީ މޫދުން ނަގާފައެވެ.

މި ހާދިސާއާ ގުޅިގެން، ކޮންޓްރެކްޓަރު މަަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން އިންޓަރނަލް އިންވެސްޓިގޭޝަންއެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަދި އިތުރަށް އެ މަސައްކަތް ކުރިއަށް ދާނީ މަސައްކަތް ކުރުމުގައި އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް އަޅާފައި ވޭތޯ ޔަގީން ކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް