ހުށަހަޅާފައި ހުންނަ ފޯމު ޕްރޮސެސް ނުކޮށް އީސީން ސައްހަނޫން މައުލޫމާތު ފަތުރަނީ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ، މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު އާއްމު ކުރުމާ ގުޅިގެންނެވެ.
އެ ލިސްޓުގައި 3000 މެމްބަރުން ހަމަ ނުވަނީ ހަމައެކަނި އެމްއާރްއެމްގައެވެ. އެޕާޓީގައި މިވަގުތު ތިބީ 2،892 މެންބަރުން ކަމަށް އީސީގެ ލިސްޓުގައިވެއެވެ.
އެކަމާ ގުޅިގެން އެމްއާރްއެމްގެ ރަޖިސްޓްރަރ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޝަހީދާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވއިރަށް ސައްހަ ނޫން މައުލޫމާތު މީޑިޔާތަކަށް ދީގެންވެސް ޕާޓީތަކުގެ އަގު ވައްޓާލެވޭ ކަމަށެވެ. އަދި މިއީ ޒިންމާދާރު މިނިވަން މުއައްސަސާގެ ދައުރުތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
"ހުށައަޅާފައި ހުންނަ ފޯމު ޕްރޮސެސް ނުކޮށް ރައްޔިތުންނަށް ކޯޗެއް އޮޅުވާލަންތޯ ތިޔަ ޓުވީޓް ކުރައްވަނީ" ޝަހީދާ ވިދާޅުވިއެވެ.
https://twitter.com/Shahydha/status/1676238561006465025
މީގެ އިތުރުން އެ ޕާޓީގެ އެކްސްކޯ މެމްބަރު އަދި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީސް ވިދާޅުވީ އެ ޕާޓީގައި 5000ށް ވުރެ ގިނަ މެމްބަރުން ތިބޭނެ ކަމަށެވެ.
https://twitter.com/AbosAnys/status/1676239935098191872
އެކަމާ ނުރުހުން ފާޅުކޮށް އަނީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީއިން އީ ފާސް އަދި ފިންގަރ ވެރިފިކޭޝަން އޮތެންޓިކް ޕްރޮސެސް އަކަށް ނުދާން މަސައްކަތް ކުރަނީ މަކަރާއި ޙީލަތް ހަދަން ފުރުސަތު ފުޅާކުރަން ކަމަށެވެ. އަދި ޕާޓީތަކުން މީހުން ވަކި ކުރަނީ ހިތަށް އެރި އުސޫލަކަށް ކަމަށެވެ.
"ރައްޔިތުންނަށް އޮޅުވާލުމުގެ ލާމަސީލު މިސާލެއް! ގައުމު ފަސާދަވަނީ މިފަދަ ކަންކަމަށް އިޖާބަ ދެވޭތީ! އެމް އާރް އެމް އަކީ 5000 އަށް ވުރެ ގިނަ މެންބަރުންގެ ޕާޓީއެއް. އެކަން އޮޅުވާލަނީ މަސައްކަތް ނުކުރައްވާ!" އަނީސް ވިދާޅުވިއެވެ.
ޖޫން މަހުގެ ނިޔަަލަށް އަދާހަމައަށް ބަލައިލާއިރު:-
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި 58،035 މެންބަރުން
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި 38،831 މެންބަރުން
- ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި 22،705 މެންބަރު
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގައި(އެމްޑީއޭ)ގައި 10،227 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 9،729 މެންބަރުން
- އަދާލަތު ޕާޓީ (އޭޕީ)ގައި 9،595 މެންބަރުން
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި 3،139 މެންބަރުން
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގައި 3،014 މެންބަރުން
- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައި 2،892 މެންބަރުން
ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ތިން ހާސް ހަމަނުވާ ޕާޓީތައް އުވާލާނެއެވެ.
މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފައިސާ ލިބޭ އަދަދު ހަމަވަނީ ހަތަރު ޕާޓީގައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ އެވެ.
އެންމެ ފަހުގެ އަދާހަމައިން ދައްކާގޮތުގައި ޕީއެންސީ އާއި އެމްޓީޑީގައިވެސް ތިން ހާސް މެންބަރުން ހަމަވަނީ ހަމަ ކިރިޔާއެވެ. އެމްއާރްއެމްގައި އަދިވެސް ތިން ހާސް ހަމަނުވާކަމަށް ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް