ފްރާންސްގެ ކުލަބު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ކޯޗުކަމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ އެ މަޤާމުން ވަކިކޮށްފިއެވެ.
ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރީ ނިމިގެން ދިޔަ ސީޒަނުގައި ޕީއެސްޖީން ކުރިމަތިލާން ޖެހުނު ނާކާަމިޔާބީއާއި ގުޅިގެންނެވެ. ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުން ވަކި ކުރިއިރު، އޭނާ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ އެއް އަހަރު އެބައޮތެވެ. ޕޮޗެޓީނޯ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ.
ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުން ވަކިކޮށްފައިވާ ކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިއަދު ޕީއެސްޖީން މިކަމާއި ގުޅިގެން ނެރެ އާންމުކުރި އެކުލަބުގެ ބަޔާނުގައެވެ. ޕޮޗެޓީނޯ މަޤާމުން ދުރުކޮށް އެމަޤާމަށް ހަމަ ޖެއްސުމަށް ނިންމާފައިވަނީ ނިމިގެން ދިޔަ ސީޒަނުގައި ފްރާންސްގެ ނީސްއަށް ކޯޗުކޮށްދިން ކްރިސްޓޮފް ގަލްޓިއޭއެވެ. ކްރިސްޓޮފް ގަލްޓިއޭ އަކީ 2020 ވަނަ އަހަރު ލިލްއަށް ފްރާންސް ލީގު ޗެމްޕިއަންކަން ހޯދައިދީން ކޯޗެވެ. އަދި މިއީ ކްރިސްޓޮފް ގަލްޓިއޭއަށް އޭނާގެ ކޯޗިން ކެރިއަރުގައި ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ. އޭނާ ޕީއެސްޖީއާއި ހަވާލުވާނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯތުތައް ބުނެއެވެ.
ޕޮޗެޓީނޯ މަޤާމުން ވަކިކުރިކަން މިއަދު ރަސްމީކޮށް ޕީއެސްޖީން އިއުލާނު ކުރިއިރު، އެ ކުލަބުން ވަނީ ޕޮޗެޓީނޯ ޓީމަށް ކޮށްދިން މަސައްކަތަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އޭނާ ވަނީ 2020 ވަނަ އަހަރުގެ ޓްރޮފީ ޑެސް ޗެމްޕިއަންސް އަދި މިދިޔަ ސީޒަންގެ ކޫޕް ޑި ފްރާންސްއާއި ފްރާންސް ލީގު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް