ޖެޓް ފިއުލް ކޮންޓްރޯލް ކުރީ މި ދުވަސްކޮޅު ތެލަށް އޮތް ޑިމާންޑަށް ބަލައި ޝިޕްމަންޓް އައުމުގެ ކުރިން ތެޔޮ މަދުވެ އޮޕަރޭޝަންތަކަށް ބުރޫ އަރާފާނެތީ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ދައުރު" ނޫހަށް ދިން އިންޓަރވިއު އެއްގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވެފައިވަނީ ޖެޓް ފިއުލް ޝިޕްމަންޓް ލަސްވަނީ މޫސުމަށް އައި ބަދަލުތަކުގެ ސަބަބުންނާއި އެހެން ވެސް ބައެއް ލޮޖިސްޓިކް ސަބަބުތައް މެދުވެރިވެގެން ތެޔޮ އުފުލާ ބޯޓަށް ރާއްޖެ ނާދެވިގެން ކަމަށެވެ.
އެހެންނަމަވެސް މި މަހުގެ 14 ވަނަ ދުވަހު ބޯޓް ވަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބޯޓު އައުމާއެކު ކުރިއެކޭ އެއްގޮތަށް ތެޔޮ ވިއްކޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ނޫހުގައި ބުނެފައިވަނީ ޖެޓް ފިއުލް ކޮންޓްރޯލް ކުރީ މި ދުވަސްކޮޅު ތެލަށް އޮތް ޑިމާންޑަށް ބަލައި ޝިޕްމަންޓް އައުމުގެ ކުރިން ތެޔޮ މަދުވެ އޮޕަރޭޝަންތަކަށް ބުރޫ އަރާފާނެތީ ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވިކަމަށެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ޖެޓް ފިއުލް ހުސްވެގެން ނުވަތަ މަދުވެގެން އަޅާ ފިޔަވަޅެއް ނޫން ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް ބުނެފައިވެއެވެ.
އެއަރޕޯޓުން އެއްކޮށް ޖެޓް ފިއުލް ހުސް ނުވާ ކަމަށާއި ހުރިހާ އެއަރލައިންތަކުގެ އޮޕަރޭޝަންތައް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭ ވަރަށް، ތެޔޮ ހުރި ކަމަށް މަހުޖޫބާ ހަވާލާދީ އެ ނޫހުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް