އިއްޔެ އިރުއޮއްސުނު ހާއިރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ އަނިޔާވި ހަތަރު މީހުންނަށްވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
އިއްޔެ އިރުއޮއްސުނު ހާއިރު ބޮޑުތަކުރުފާނުމަގު އެކުވެނި ޓްރެކް ކައިރީގައި މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި އެހެން ކާރެއްގައި ޖެހި މަތަ ނުވެ ގޮސް އެމްޓީސީސީ ބަހުގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހުން ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވީ އުމުރުން 24 އަހަރުގެ މަރިޔަމް އަމާނީ ރަޝީދެވެ.
ފުލުހުން ރޭގައި ބުނެފައިވާގޮތުގައި އެކްސިޑެންޓާއި ގުޅިގެން ހަ މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި ދެ ފިރިހެނަކު ކަމަށް ފުލުހުން ބުނެފައިވެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް