ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި ނަމަވެސް، އޭގެ ކުރިން ބަރުލަމާނީ ނިޒާމު ގެނެވިއްޖެނަމަ، ބޮޑުވަޒީރަކަށްވުމަށް ވެސް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އިނގިރޭސިވިލާތުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާނަމަ، އެ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ އެވެ.
ނަމަވެސް، 2023 ވަނަ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.
"ދެން މަޖިލީހުން ބޮޑުވަޒީރެއް ކަނޑައަޅާނީ، އަޅުގަނޑު މަޖިލީހުގައި އެދޭނަން އެކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ބާއްވާ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ.
އެ ސުވާލު ތަކުރާރުކޮށް އެހެން މީހަކު ކުރުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއް އައިސް، ރައީސް ޞާލިހު ކުރިމަތިލައްވައިފިނަމަ އެމަނިކުފާނަށް ތާއިދު ކުރައްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއިދު ނުކުރާނެ ދުވަހެއް ނާންނާނެ ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން މެއި 06 ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭ ގޮތުން ވިދާޅުވީ،. ހަމަލާގައި ސަރުކާރުގައި ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިހަމަލާގެ އަސްލާއި ހަމައަށް ނުދެވިއްޖެނަމަ އެއީ ސަރުކާރުގެ ފެއިލް ވުމަކަށް ވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޝައިހް އިމްރާން ހޯމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ "އިންސާފު ހޯދުމަކީ ވެސް ވަރަށް ފާޑެއްގެ ކަމެއް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް