އަލިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގަ ދައުވާ ކޮށްފި

ރ. އަލިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގަ ދައުވާ އުފުލައިފި އެވެ. މިކަން ހިނގާފައިވަނީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ. އެ އަންހެން މިހާ ރޭޕްކޮށްފައިވަނީ ގޭގައި ނިދާފަ އޮއްވަ ވަދެއެވެ...

05 Jul 2021 | 12:12

ރ. އަލިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގަ ދައުވާ އުފުލައިފި އެވެ.

މިކަން ހިނގާފައިވަނީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ. އެ އަންހެން މިހާ ރޭޕްކޮށްފައިވަނީ ގޭގައި ނިދާފަ އޮއްވަ ވަދެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ އަންހެން މީހާ ރޭޕް ކުރި މައްސަލައިގަ ދައުވާ އުފުލާފައިވަނީ އެ ރަށު، ރޯޝަނީއާގެ، ނާއިލް ޢަބްދުالله‎ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ރޭޕްކުރުމުގެ ކުށުގެ ދަޢުވާ އެވެ. މި ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި އެވެ.

ޝާފިއު ވިދާޅުވީ އަލިފުށީގައި މި ހާދިސާ ހިނގިއަސް، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭތީ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ރޭޕްގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ރޭޕް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ނަމަ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް