ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ މައްސަލައިގަ 800 މީހުން ސޮޔާއި އެކު ޕެޓިޝަނެއް

ހދ. ހަނިމާދޫ އިިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މައްސަލައިގަ ޝުއޫރު ފާޅުކޮށް އެ ރަށުގެ 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އ...

05 Jul 2021 | 11:23

ހދ. ހަނިމާދޫ އިިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މައްސަލައިގަ ޝުއޫރު ފާޅުކޮށް އެ ރަށުގެ 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަންގައި އެދިފައިވަނީ ރައްޔިތުންނަށް ހަގީގީ ލާބަ އާއި މަންފާ ލިބޭނެ ގޮތަށް އެއާޕޯޓު ތަރައްގީ ކުރުމަށެވެ. ޕެޓިޝަންގައި ބުނީ، އެ މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ.

މިހާރު ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހުށަހަޅާފައިވާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޝްވަރާ މިކަމުގައި ހޯދައި މުސްތަގުބަލުގައި ހަނިމާދޫގެ ރައްޔިތުންނާ އެ މީހުންގެ ދަރިފަސްކޮޅު އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެ އެވެ.

ޕެޓިޝަންގައި ވަނީ އެއާޕޯޓަށް ބިން ބޭނުން ކރުމުގެ ކުރިން ރައޔިތުން ދިރިއުޅުމަށް ގޯތި ދޫކުރުމާއި އަދި އެނޫން ވެސް އެހެން ބޭނުންތަކަށް މަދުވެގެން ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާނެ ބިން ކަނޑައެޅުމަށެވެ. އިތުރުން އެއާޕޯޓް ހިމެނޭ ސަރަހައްދުގައިވާ ރަށުގެ ހިކިފަސް ބިމުން ވީހާ ވެސް ކުޑަ ޖާގައެއް ބޭނުންކޮށްގެން އަދި އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރަށް ބިން ބޭނުންވާ ނަމަ، މިހާރު އެއާޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުން (ރަށުގެ ދެކުނު ފަރާތުން) ބިން ހިއްކައިގެން މަޝްރޫއު ކުރިއަށްގެންދަން އެދިފައި ވެ އެވެ.

ސަރުކާރުން ނިންމާފައިވަނީ އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރާށެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް