ރެވެނިއު ސްޓޭމްޕް އުވާލަން މަޖިލީޙުން ފާސްކޮށްފި

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާ ލުމުގެ ބިލު، މުޅި މަޖިލީހުގެ...

05 Jul 2021 | 10:25

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާ ލުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތަށް އެ ޤާނޫނު އުވާލަން ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުދިން 44 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ. އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން 1970ވަނަ އަހަރުން ފެށިގެން އަންނަނީ ރެވެނިޔު ސްޓޭމްޕު ޖަހަމުންނެވެ.

ރެވެނިއު ސްޓެމްޕު ޖެހުން ހުއްޓާލުމަށް ބިލު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވުމެވެ. އެޤާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫންވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕް ޖަހަންޖެހުމުގެސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭކަަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ނިންމެވީކަމަށްވެސް ބިލުގައިވެއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން އުވާލުމަށް ބިލު ހުށައަޅުއްވާ ކޮމިޓީން ފާސްކޮށްފައިވާއިރު، މިވަގުތު ރާއްޖޭގައި ޕްރިންޓްކޮށްފައިހުރި ރެވެނިޔު ސްޓެމްޕުގެ ޢަދަދުތައްވެސް ހިމަނާފައިވެއެވެ. އެގޮތުން 10 ލާރީގެ ސްޓޭމްޕުން ފެށިގެން 10000 ރުފިޔާގެ ސްޓެމްޕާއި ހަމައަށް އެކި އަގުތަކުގެ ޖުމްލަ 13 ސްޓޭމްޕެއް ޕްރިންޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ގާތްގަނޑަކަށް 460000 ސްޓޭމްޕް ސްޓޮކްގައި އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް