ބޭރަށް ފުރާ މުއްސަނދިންގެ އަތުން ނަގާ ފީ ބޮޑުކޮށް، ޑިޕާޗާ ޓެކްސް ނަގަން ފާސްކޮށްފި

ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުން ދަތުރުކުރާ ކްލާހަށް ބަލައި އެމީހުންގެއަތުން ނަގާ ފީއަށް ފަރަގު ގެނައުމާއެކު، މިހާރު ނަގަމުންދާ އެއަރޕޯޓް ސަރވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ކަމާގުޅ...

05 Jul 2021 | 10:25

ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުން ދަތުރުކުރާ ކްލާހަށް ބަލައި އެމީހުންގެއަތުން ނަގާ ފީއަށް ފަރަގު ގެނައުމާއެކު، މިހާރު ނަގަމުންދާ އެއަރޕޯޓް ސަރވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ކަމާގުޅޭ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބިލު ރާއްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެއަރޕޯޓު ސަރވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ކަމާގުޅޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުގެ ބިލު އިޤްތިސާދީ ކޮމިޓީން ނިންމިގޮތަށް އަދި މުޅި މަޖިލީހުގެ ކުޑަކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 42 މެންބަރުންގެ ވޯޓުންނެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ 2020ވަނަ އަހަރުގެ މާޗުގެ މަހުން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖު ނެގުން ހުއްޓާލުމަށްފަހު، ހަމަ އެހަރުގެ އޭޕްރީލްއިން ފެށިގެން ޑިޕާޗަރ ޓެކްސްއެއް ނެގުމަށެވެ.

މި ބިލް ދިރާސާކުރެއްވުމަށްފަހު އިޤްތިސާދީ ކޮމިޓީންވަނީ އަންނަ 2022ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުންގެ އަތުން ނަގާ ފީ ދަތުރުކުރާ ކްލާސްގެ ގޮތުން ފަރަގެއް ގެނައުމަށް ފާސްކޮށްފައެވެ. މި ބިލު މަޖިލީހުން ފާސްކުރުމުން ބޮޑުވެގެން ދާނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ އާއި އަގުބޮޑު ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ މުއްސަނދިންގެ އަތުން ނަގާ ފީއެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ފީނަގާނީ ކުރިންވެސް ނަގަމުން އައި މިންވަރަށެވެ.

ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނަގާނެ ފީގެ ޢަދަދު

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 180 ޑޮލަރު / ބިދޭސީން - 180 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 240 ޑޮލަރު / ބިދޭސީން - 240 ޑޮލަރު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް