ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރު ކުރި އެކަކަކީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަމަށް ދުވަސް އަށް މައުލޫމާތު ލިބިއްޖެއެވެ.
އޭނާއަކީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިން ހިންގެވި ފަރާތެކެވެ.
އަޝްމަލީ ހައްޔަރު ކުރީ ވެބްސައިޓްތަކަކާއި މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން 3 މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައެވެ. އަޝްމަލީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތު ހިމެނެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަޝްމަލީ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކޮލަމްބޯ ތިނެއްގެ ބަގަތެލެ މަގުގައި ހުންނަ އޭނާ ދިރިއުޅޭ ގެއިންނެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ވަޔަރ ގައި ބުނެފައިވަނީ 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 4 މީހުން ކަމަށާއި، މީގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްޑީއައިޖީ އަޖިތް ރޯހާނާއާއި ހަވާލާދީ ލަންކާގެ ނޫހުގައި ބުނެފައިވަނީ އޮންލައިންކޮށް ހަށިވިއްކުމުގެ ވަގުފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. މި މީހުން އަތުލައިގެންފައިވަނީ ދިވެހިންގެ މެދުގައި މަޝްހޫރު އެއް ހޮޓަލް ކަމުގައިވާ މައުންޓް ލެވީނިއާގައި މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ތަރުޖަމާނު ވިދާޅުވެފައިވަނީ ފައިސާއަށް ކުޑަކުއްޖާ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ މައި ވެބްސައިޓުގެ އިތުރުން، އިތުރު 4 ވެބްސައިޓެއް ވެސް މިކަމުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރެވުނު 4 މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓް ހިންގާކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހުއެވެ. އަދި ދިވެހި ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ކަސްޓަމަރެއްގެ ހައިސިއްޔަތުން އެ ނެޓްވޯކަށް އެހީތެރިވެދޭކަމުގެ ތުހުމަތުގައެވެ.
ހައްޔަރު ކުރެވުނު ހަތަރުވަނަ މީހާއަކީ މައުންޓްލެވޭނިއާގެ މެނޭޖަރެވެ. އޭނާ ހައްޔަރުކުރީ މި އަމަލުގައި ކަސްޓަމަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ކޮޓަރި ހަމަޖައްސައިދޭތީއެވެ.
ތަރުޖަމާނު ރޯހާނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، ދިވެހި ފިރިހެން މީހާގެ އިތުރުން އެ ކުޑަކުއްޖާގެ މަންމައާއި، އޮޓޯ ދުއްވާ މީހަކާއި، ކާރު ދުއްވާ މީހެއްގެ އިތުރުން ގަހަނާ ވިއްކާ މީހަކާއި ފާދިރީއެއް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ބޯޓެއްގެ ކެޕްޓަނާއި، އެ ބޯޓުގެ ފަޅުވެރިންނާއި، މިހިންޓާލޭ ޕްރަދޭޝިއާ ސާބާގެ ޑެޕިއުޓީ ޗެއަރމަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް