ރައްޔިތުން ދައްކާ ޓެކްސަކީ ރައީސަށް ބާރު ފޯރުވޭނެ އެއްޗެއް ނޫން ކަމަށް މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިންކަމް ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރި އިގްތިސާދީ ކޮމިޓީގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ގެންދާ ބަހުސްގައި ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ އިންތިޚާބީ މަގާމެއް ކަމުން ފަސް އަހަރުގެ މުއްދަތުން އަބަދުވެސް ބަދަލުވާނެ މަގާމެކެވެ. އެހެންކަމުން ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް މާފް ދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ދެވޭ ގޮތަށް އޮތުމަކީ ނުރައްކަލަކަށް ވާނެއެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިންކަމް ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރި އިރު ދައުލަތުގެ މުއައްސަސާތަކުން ޚިޔާލު ހޯދައިގެން ވެސް އެ މާއްދާއަށް ބަދަލުތަކެއް ނުގެނެއެވެ. އެއީ ބޮޑެތި މަޝްރޫއުތައް އިތުރު ކުރަން ގެންނަ އިސްލާހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
"އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާ ބާރު ފޯރުވާ ގޮތަކަށް އޮންނަ އެއްޗެއް ނޫން ރައްޔިތުން ދައްކާ ޓެކްސްއަކީ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި މި އިސްލާހުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރާ ބޭރުގެ ވިޔަފާރިތަކާއި ރާއްޖެއަށް ލޯނުތައް ދޫކުރާ ފަރާތްތަކާ މެދު ކަންބޮޑުވުން އޮންނާނެއެވެ.
ސައީދު ވިދާޅުވީ، މިހެން ވެއްޖެ ނަމަ، ބޭރު ދުނިޔޭގެ ފައިނޭންސް، ރާއްޖޭގެ ޕްރޮޖެކްޓްތަކަށް ލެންޑް ކުރާ މީހުންގެ ތެރޭގައި ވެސް ނުތަނަވަސްކަން އޮންނާނެ ކަމަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް