ހަ މަސް ދުވަހު ދަނޑުވެރިކަމުގައި އުޅުމަށް ފަހު ނަވާޒުއްދީން އެނބުރި މުމްބާއީއަށް ގޮސްފި

ބޮލީވުޑްގެ ބަތަލު ނަވާޒުއްދީން ސިއްދީގު ބޮލީވުޑް މަސައްކަތަށް އެނބުރި މުމްބާއީއަށް ގޮސްފި އެވެ. ކޯވިޑާއި ގުޅިގެން އިންޑިއާގެ ހާލަތު ގޯސްވާން ފެށުމުން އޭނާ ވަނީ މުމްބާއީ ދޫކޮށް އުފަން ސިޓީ އުތްރަހާންދް...

05 Jul 2021 | 07:42

ބޮލީވުޑްގެ ބަތަލު ނަވާޒުއްދީން ސިއްދީގު ބޮލީވުޑް މަސައްކަތަށް އެނބުރި މުމްބާއީއަށް ގޮސްފި އެވެ.

ކޯވިޑާއި ގުޅިގެން އިންޑިއާގެ ހާލަތު ގޯސްވާން ފެށުމުން އޭނާ ވަނީ މުމްބާއީ ދޫކޮށް އުފަން ސިޓީ އުތްރަހާންދްގެ ބުދާނާއަށް ގޮސްފައި އެވެ. އޭނާ މި ވޭތުވެދިޔަ ހަ މަހު ދިރިއުޅުނީ މަންމަ އާއި އެކު އެވެ.

ނަވާޒުއްދީން މުމްބާއީއަށް ދިއުމަށް ފަހު މީޑިއާގައި ބުނެފައިވަނީ މުމްބާއީ އަކީ އޭނާއަށް ދިރިއުޅުމުގެ ހުރިހާ އެއްޗެއް ލިބުނު ތަން ކަމަށްވާތީ ހަގީގީ ގެއަކީ އެ ސިޓީ ކަމަށެވެ. އެކަމަކު މަންމަ އާއި އެކު ވޭތުކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށާއި އުމުރުގެ ކޮންމެސް ހިސާބަކުން ފިލްމީ މަސައްކަތް އެއްކޮށް ހުއްޓާލުމަށް ފަހު ބުދާނާގައި ދިރިއުޅެން އުނބުރި ދިއުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.

އަދި މިވޭތުވެދިޔަ ހަ މަސްދުވަހު ކުރި މަސައްކަތް ކަމަށްވާ ދަނޑުވެރިކަން ކޮށްގެން ހިތްހަމަ ޖެހޭ ދިރިއުޅުމެއް އެތަނުގައި އުޅެވޭނެ ކަމަށް ބުންޏެވެ.

ނަވާޒުއްދީން މިދިޔަ މަހު ބުނެފައިވަނީ އެހާ އަވަހަށް މުމްބާއީއަށް ގޮސް ފިލްމީ މަސައްކަތްތައް ފެށުމުގެ ވިސްނުން ނެތް ކަމަށެވެ. އެކަމަކު އިއްޔެ މުމްބާއީއަށް ގޮސް އޭނާ ބުނީ އެނބުރި ދިޔައީ މަސައްކަތާއި ގުޅުން ހުރި މީޓީންއެއްގައި ބައިވެރިވާން ޖެހޭތީ ކަމަށެވެ.

ނަވާޒުއްދީން ވަނީ ދަރިން މަތިންވެސް ވަރަށް ހަނދާން ވާ ކަމަށް ބުނެ ފައި އެވެ. އެ ކުދިންނާއި ދުރުގައި ހަ މަސް ހުންނަން ޖެހުމުން ދެރަވިކަމަށާއި އެކުދިންގެ ކިޔެވުމުގެ ކަންކަން މުމްބާއީގައި ނެތް ނަމަ ބައިތިއްބާފަ ނުދާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް