ޖިންސީ ގޯނާ އާއި ރޭޕްކުރާ މީހުންނަށް އަދަބު ދިނުން އަވަސް ކުރަން ގޮވާލައި ގަރާރެއް

ޖިންސީ ގޯނާ އާއި ރޭޕް ކުރާ މީހުންނަށް އަދަބު ދިނުން އަވަސް ކުރުމަށް ގޮވަލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ...

05 Jul 2021 | 07:21

ޖިންސީ ގޯނާ އާއި ރޭޕް ކުރާ މީހުންނަށް އަދަބު ދިނުން އަވަސް ކުރުމަށް ގޮވަލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މިއަދު ޖަލްސާއަށް ހުށަހެޅި މި ގަރާރު ވަނީ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށާފައި އެވެ.

އާދަމްގެ ގަރާރުގައި ބުނެފައިވަނީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވެ، އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތައް އަރައިގަންނަމުންދާ ކަމަށެވެ. އެކަމަކު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުންދާ ކަމަށް ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި މިފަދަ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން ރޭޕު ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ގަރާރު ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތް ތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް