އައްޑޫގައި މީހަކު ހޯމް ކަރަންޓީން އުސޫލާއި ހިލާފުވުމުން އަނެއްކާވެސް ކޭސްތައް އިތުރުވަނީ

އައްޑޫ ސިޓީގައި ހޯމް ކަރަންޓިނާ ހިލާފުވި މީހެއްގެ ސަބަބުން ބަޔަކަށް ކޯވިޑް-19 ބަލިޖެހިއްޖެ އެވެ. އައްޑޫ ސިޓީގައި ކޯވިޑް 19ގެ ކޭސްތައް މަދުވެފައިވަނިކޮށް އަލަށް ކޭސްތައް އިތުރުވީ ބަލި ޖެހިފައިހުރި މީހަ...

05 Jul 2021 | 06:33

އައްޑޫ ސިޓީގައި ހޯމް ކަރަންޓިނާ ހިލާފުވި މީހެއްގެ ސަބަބުން ބަޔަކަށް ކޯވިޑް-19 ބަލިޖެހިއްޖެ އެވެ.

އައްޑޫ ސިޓީގައި ކޯވިޑް 19ގެ ކޭސްތައް މަދުވެފައިވަނިކޮށް އަލަށް ކޭސްތައް އިތުރުވީ ބަލި ޖެހިފައިހުރި މީހަކު ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވުންކަމަށް އައްޑޫ އިމެޖެންސީ ސެންޓަރުން ބުނެ އެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގެ މުހައްމަދު ނަޖީބު ވިދާޅުވީ އަލަށް ފެނުން ކޭސްތަކުގެ ތެރެއިން ފުރަތަމަ ޕޮސިޓިވް މީހާ ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. އިމަޖެންސީ ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމީހާ އަކީ ދިވެއްސެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީނުގެ އުސޫލާ ހިލާފުވި މީހާއަކީ މާލޭގައި ހުރުމަށްފަހު އައްޑޫއަށް އައިސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާއަށް ބަލި ޖެހިފައިވަނީ މާލެއިންނެވެ.

އެކަމަކު އެމީހާ ކަރަންޓީންގައި ހުރީ އައްޑޫގެ ކޮން ރަށެއްގައި ކަމެއް ހާމައެއް ނުކުރެ އެވެ.

ކަރަންޓީނުގެ އުސޫލާ ހިލާފުވުމުން އޭނާގެ ފަރާތުން އަލަށް ބަލި ޖެހުނު ދެ މީހުނަކީ ދެ ބިދޭސީންނެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 14 މީހަކު ވަނީ ކޯވިޑް-19އަށް ޕޮސިޓިވްވެފައި އެެވެ.

އައްޑޫ ސިޓީގައި އާ ކޭސްއެއް ފެނިފައި މި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރެންޑަމް ސާމްޕަލްއަކުން އެއްވެސް ކޭސްއެއް ނުފެނި އޮތުމަށް ފަހު އެވެ. އަދި އަލަށް ފެނުން ކޭސްތަކަކީ މި މަހުގެ 3 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ތިން މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ކަމަށް ވެސް އައްޑޫ އީއޯސީން ވަނީ ބުނެފައި އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް