1984 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގޮތުން ދައުލަތުން ދެއްވާ ޢާންމުޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެން އަލްފާޟިލް ނައިފަރު ދޮހޮއްކޮ (ދޮހޮއްކޮބެ)އަކީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނާއި، އަލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީނާއި، އަލްމަރްޙޫމް އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ވަރަށްގިނަ ޅެންތައް ހިތުން ކިޔުއްވައިލެއްވުމުގެ ކުޅަދާނަކަން ލިބިލައްވާފައިވާ ބޭކަލެކެވެ. މިބޭބޭފުޅުންގެ ޅެންތަކުގެ ތެރެއިން ޝާއިޢުވެގެން ޢާއްމުންގެ ތެރެއަށް ނުނިކުންނަ ޅެންތައްވެސް އޭނާ ނުބައްލަވައި ހިތުން ކިޔުއްވައެވެ. އަމިއްލައަށް ހަރުމަނިޔާ ޖައްސަވަމުން ކިޔުއްވުމަކީ، އޭނާއަށް އެއްވެސް ދައްޗެއްނެތް ވަރަށް ފަސޭހަކަމެއްކަމަށް އޭނާ ފަޚްރުވެރިކަމާއެކު ބުނުއްވައެވެ.
ނައިފަރު ދޮހޮއްކޮ ލަވަކިޔުއްވަން ފުރަތަމަ ފެށްޓެވީ، އުމުރުން ދިހަ އަހަރުގައެވެ. އަމިއްލައަށް ހަރުމަނިޔާ ޖައްސަވާފައި އެކިއެކި ރާގަށް ލަވަކިޔުއްވުމުގައި، ހަކުރާ ފެއަރގެ ސްޓޭޖް މަތިންނާއި، ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ އެކިއެކި އަހަރީ ޖަލްސާތަކުންނާއި، ރާއްޖެތެރޭގެ މަޝްހޫރު ރަށްރަށުން ވަރަށް މަތިވެރި ތަރުޙީބު ލިބިލައްވާފައިވެއެވެ. އޭނާ ދިވެހިރާއްޖޭގެ އަޑަށާއި، ޓެލެވިޜަން މޯލްޑިވްސް އަށްވެސް، ލަވަކިޔުއްވާ ދެއްވާފައިވެއެވެ. އޭނާގެ ހަރުމަނިޔާ ޖެއްސެވުމަށާއި ލަވަކިޔުއްވުމަށް އެންމެ ތަރުޙީބު ލިބުނުކަމަށް ފާހަގަކުރެއްވޭ މުނާސަބަތުތަކުގެ ތެރޭގައި، ރާއްޖޭގެ ރަދުން އެންމެފަހުން ތިލަދުންމައްޗަށް ވަޑައިގަތް ދަތުރުފުޅުގައި، ހއ. ހޯރަފުށީގައި ބޭއްވުނު މިޔުޒިކާއެކު ލަވަކިޔުމުގެ ޙަފްލާގައާއި، ހަމަ އެރަށުގައި ތައްޔާރުކުރި ބޮޑު މައުލޫދު ކިޔުމުގެ ވަގުތު ޖެހުމުގެ ކުރިން އޭނާކީ "މުޙައްމަދު ނުވީނަމަ ދުނިޔެވެސް ނުވީހޭ" މިޅެން ކިޔުއްވި ޙަފްލާ ފާހަގަކުރެއްވިއެވެ.
ކޮންމެ އަކަސް ދޮހޮއްކޮބެއަކީ ލަވަކިޔުމުގެ ހުނަރުން އަރާ ހުރި ތަރިއެކެވެ، ދުނިޔޭގައި ނެތް ނަމަވެސް ދޮހޮއްކޮބޭގެ ހަނދާން މިއަދު އާކުރަން މި ޖެހުނީ ދޫކޮށްދިޔަ އަގު ހުރި ހަދިޔާތަކުންނެވެ. އާއެކެވެ، ދޮހޮއްކޮބޭ ހަމައެެކަނި އެ ދޫކުރެއްވީ ލަވަތަކެއް ނޫނެވެ. އެއިން ކޮންމެ ލަވަޔަކުން ވެސް އަސަރުން ފުރިގެންވާ އެތައް ވާހަކައެއް ބުނެދެއެވެ. ހިކުމަތުގެ އެތައް ބަސްތަކެއް ބުނެދެއެވެ. އެތައް ނަސޭހަތަކާއި ދަރުޞެއް ދެއެވެ. މިސާލަކަށް ދަންނަވާ ނަމަ "އެދޭ ނަމަ ލޯބި ވާންވީ ވެސް" މި ލަވަޔަކީ ދުނިޔޭގެ ހަޔާތާއި ގުޅޭ އެތައް ދަރުޞެއް ވާ ހިތްގައިމު ޅެމެއް އެކުލެވޭ ލަވަޔެކެވެ.
https://soundcloud.com/iconansm/edheynama-loabi-vaanvea-by
"ވެދާނޭ އެންމެ ގާތް މީހުން ނުރައްކާ ދުޝްމިނުންނަށް ވެސް!"
އެންމެ ގާތް މީހުން ދުޝްމިނުންނަށް ވެދާނެ ވާހަކައެވެ. އެއީ ތެދެކެވެ. ގިނަ ފަހަރު ތިބާއާ މެދު ހަސަދަވެރި ވާނީ ވެސް ގާތުގައި އުޅޭ މީހުންނެވެ. މާ ގާތްކޮށް އުޅޭފައި ތިބާގެ ގަޔަށް ކަށި ޖަހާފާނެއެވެ.
"ހުށާމަދަކީ ހަގީގީ ލޯތްބަކަށް ނުފުދޭނެ ޝައްކެތް ނެތް!"
ހަގީގީ ލޯތްބަކީ މާފޮޅުވުން ނޫން ކަމެވެ. ތައުރީފު ކުރުން ނޫން ކަމެވެ. ގޯނި ފުލަށް ލުން ނޫން ކަމެވެ.
"ރަނގަޅު ހެޔޮ ގެރި ބަކަރި ވެސް ދަނެއޭ އެއަށް ކާންދޭ މީހުން!"
ބައެއް އިންސާނުންނަށް އެ މީހުންނަށް ހެޔޮ އެދޭ، އަޅާލައި އޯގާތެރިވާ މީހުން ނޭނގޭ ފަހަރު އާދެއެވެ. ނަމަވެސް ދޮހޮއްކޮބޭ އެ ބުނީ ހެޔޮކޮންނެވެ. ގެރި ބަކަރި ވެސް އެއަަށް ކާންދޭ މީހުން ދަނެއެވެ.
"ވިދާހާ އެއްޗަކީ ޚާލިސް ރަނޭ ކެރިގެން ބުނާނީ ކާކު؟"
ވިދާހާ އެއްޗެއް ރަނަކަށް ނުވާނެއެވެ. ރީތި ކޮންމެ އެއްޗެއް މޮޅު އެއްޗަކަށް ނުވެދާނެއެވެ. ބަލާލަން ރީއްޗަސް ރަހަ ނުބައި ވެދާނެއެވެ. ހަން ދޮނަސް އަޑި ނުބައިވެދާނެއެވެ.
"ހަނދާންކޮށްލަން ޖެހޭ ދުނިޔޭގެ ދަތިކަން ކޮންމެ މަންޒަރަކުން!"
ތެދެއްމެއެވެ. ބަލާލި ކޮންމެ ދިމާއަކުން މުޞާބާތެވެ. ދުނިޔޭގެ ކުރި މި ދަތުރަކީ އިމްތިޙާނެކެވެ. ދަތިތައް ވަށާލިޔަސް މިންވަރަށް އިމާންވާ އަޅުންނަށް ހުރީ ކާމިޔާބެވެ. މި ނޫނަސް އެތައް ދަރުޞެއް މި ލަވައިން އެކަނި ވެސް އެބަ ލިބެއެވެ. އަޅުގަނޑުގެ ދުޢާއަކީ ދޮހޮއްކޮބޭގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް