އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު ކޯޓުން އިތުރު ކޮށްފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މުހައްމަދު އިނާދުއެވެ. އަދި އެމީހާގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން އޭނާގެ ބަންދަށް 7 ދުވަސް (ހަފުތާއެއް) ޖަހާފައިވެއެވެ.
އެމީހާ ހައްޔަރު ކުރި ފަހުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ އައި އެނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުންދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދީފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން ފުލުހުން ވަނީ ރާއްޖެ އާއި އަވަށްޓެރި ގައުމުތަކާ މެދު އޮންނަ ގުޅުމަށާއި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް