މާގިނައިރުތަކެއް ނުވެއެވެ. ޝާނީގެ ފޯނު ރިންގުވާންފެށިއެވެ. ޝާނީއަށް ނުދަންނަ ނަމްބަރަކުން މިގަޑީ މިގުޅަނީ ނިހާން ނޫން އެހެން މީހަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. އެކޮޅުން ހަލޯ ބުނުމާއެކު އެގުޅީ ކާކުކަން ޝާނީއަށް ޔަޤީންވިއެވެ. އެއީ ހަމަ އެއަޑެވެ. އެއީ ހަމްޒާގެ އަޑެވެ. ބޭއިހުތިޔާރުގައި ޝާނީއަށް މޫނު ހަދާލެވުނެވެ. އެހާ އަވަހަށް އޭނާ ހަމްޒާގެ މަތިން ފޫހިވެދާނޭ އޭނާގެ ހިތަށްވެސް ނާރައެވެ. ނަމަވެސް ހަޤީޤީ ލޯބީގެ ކުރިމަތީގައި ތިމާދެކެ ލޯބިވާ މީހަކު ހުއްޓަސް އެކަން އަގުވަޒަންކުރަން ދަތިވަނީ އެހެންވެގެންނޭ ޝާނީގެ ހިތަށް އެރިއެވެ.
"ހަމްޒާ" ޝަނީއަށް ކިޔާލެވުނެވެ. "މިގަޑިގައި... ކިހިނެއް އަހަރެންގެ ނަމްބަރ؟"
" ޝާނީ..." ހަމްޒާގެ އަޑުގައިވަނީ ހިތްދަތިމަކެވެ. "ޝާނީ ކޮންތާކު ތިއުޅެނީ..."
ޝާނީ އެނދުން ތެދުވިއެވެ. އޭނާގޮސް ކުޑަދޮރުކައިރީގައި ހުރެ ބޭރުބަލާލިއެވެ. "އަހަރެން އުޅޭ ހިސާބެއް ހަމްޒާ ދެން ރަނގަޅު ވާނީ ނުހޯދިއްޔާ..." ޝާނީ ބުންޏެވެ. ހަމްޒާ އަކަށް ޝާނީ ދައްކާ ވާހަކަ ގަބޫލު ނުކުރެވުނެވެ. ޝާނީގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ.
"ކީއްވެ ނުހޯދަންވީ..." ދެރަވެލާފައި ހަމްޒާ ބުންޏެވެ. "ޝާނީ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟"
"އަހަރެމެން ލޯބިވެގެން ވާނޭ ފައިދާއެއް އެބައޮތްތަ؟" ޝާނީ ބުންޏެވެ. "ތެދައް ބުނަންޏާ އަހަރެން މިހާރު ހަމްޒާދެކެ ބިރުވެސް ގަނޭ.... ރުޅިއަންނަހާ ފަހަރަކު އަތް އިސްކުރަންޔާ އަހަރެމެންނަށް އުފަލުގައި އުޅޭވޭނެހެނެއް އަހަންނަކަށް ހީއެއްނުވޭ"
ޝާނީ ހަމަރަނގަޅަށްވެސް ހަމްޒާގެ ހިތުގައި ޖައްސުވާލިއެވެ. އޭނާ ދެން ހަމްޒާ އަކާއި ގުޅޭކަށް ބޭނުމެއް ނޫނެވެ. ނިހާން އަކީ އޭނާގެ އެއްމެ ފުރަތަމަ ލޯތްބެވެ. އެތައް ދުވަހަކަށްފަހު އޭނާ ނިހާން އާއި ބައްދަލުވީއެވެ.
"ޝާނީ ޕްލީޒް... އަހަރެން ޝާނީދެކެ ހާދަލޯބިވޭ ޝާނީ" ހަމްޒާ އަދިވެސް ވާހަކަދެއްކީ ހިތާމަ ވެރި ރާގަކަށެވެ. "އަހަރެން ޝާނީ ބުނި ކޮންމެ ކަމެއްވެސް ކުރަން މިހިރީ ތައްޔާރަށް.. އެމީހުން ކައިރިން މަޢާފަށްވެސް އެދެން މިހިރީ ތައްޔާރަށް"
"ދެން ނޭގެ އަހަންނަކަށް..." ނުރުހިފައި ޝާނީ ބުންޏެވެ. "މިވަގުތު ދެން ބާއްވަނީ" އެހެން ބުނެފައި ޝާނީ ފޯނު ކަނޑާލިއެވެ.
"ޝާނީ މަޑުކޮށް...." ހަމްޒާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ޝާނީގެ ފޯނުކެނޑުނެވެ. ހަމްޒާއަށް އިސްޖަހާލެވުނެވެ. އޭނާއަށް އެކުރެވުނު ކަމަކުން އޭނާ ވަކިން ދެރަވެއްޖެއެވެ. އޭނާ ޝާނީގެ އާއިލާ ކުރެން މަޢާފަށް އެދެން ޖެހޭނެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ހަމްޒާ އަނެއްކާވެސް ޝާނީގެ ނަމްބަރަށް ގުޅާލިއެވެ. ނަމަވެސް މިފަހަރު ފޯނަށް ޖަވާބެއް ނުދިނެވެ.
ކޮޓަރި ތަޅުލުމަށްފަހު ޝާނީ އެނދުގައި އޮށޯތީ ނިދޭތޯއެވެ. އޭނާ އެހާފަސޭހައިން ހަމްޒާ މަތިން ފޫހިވާން ޖެހުނު ސަބަބު އޭނައަށް އެނގެއެވެ. ނިހާން އެހާފަސޭހައިން އޭނާއަށް ޚާއްސަ ވާންޖެހުނު ސަބަބުވެސް އޭނައަށް އެނގެއެވެ. އެހެން މީހަކަށް މިކަންތައްތަކުގެ ސިއްރު ނޭގުނަސް ޝާނީ އަށް އެވާގޮތް ހަމަރަނގަޅަށްވެސް އެނގެއެވެ.
އެއީ ޝާނީގެ ކިޔެވުމުގެ ދުވަސްވަރެވެ. ކުޑައިރުއްސުރެ ވެސް ޝާނީ އަކީ މަޑުމައިތިރި ކުއްޖެކެވެ. ތެދުތެދަށް ބުނާނަމަ ޝާނީގެ ރަހުމަތްތެރިން މަދެވެ. ގުރޭޑް 10 އަށް ދިޔައިރު ކުލާހުގެ ގިނަކުދިން އުޅެނީ އެހެން ކުދިންނާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް އެއިރު ޝާނީ ސަމާލުކަން ދިނީ ކިޔެވުމަށެވެ. ބައެއް ފަހަރު އެކުދިން އައިސް އެކުދިންގެ 'ބޯއިފުރެންޑް' ގެ ވާހަކަ ދެއްކުމުން ކުއްޖަކާއި ރައްޓެހި ވާހިތްވެއެވެ. ނަމަވެސް އެއްވެސް ފިރިހެންކުއްޖަކު އެފަދަ ކަމަކަށް އެދި ހުށަހަޅާފައެއް ނެތެވެ.
ދުވަހަކީ ފިޝަރީޒް ސައިންސް ޕްރޮޖެކްޓް ހަދަން ތަޖުރިބާ ދަތުރެއްގެ ގޮތުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ސްކޫލުން ފީލްޑް ޓްރިޕެއް ދާން ނިންމާފައިވާ ދުވަހެކެވެ. ގަޑި ޖެހުމުގެ ފަނަރަ މިނެޓްކުރިން ޝާނީ ހުރީ ސްކޫލްގައެވެ. އޭރު ބައެއް ޓީޗަރުން އައިސްތިއްބެވެ. ނަމަވެސް އެއްވެސް ކުއްޖަކު ފެންނާކަށް ނެތެވެ. ކުޑައިރުކޮޅުން، ތަންކޮޅެއް ދުރުން ނިހާން އަންނަތަން ފެނުނެވެ.
ނިހާން އަކީ މުޅި ގްރޭޑްގައިވެސް އުޅޭ ޝާނީއަށް އެއްމެ ރީތި ފިރިހެން ކުއްޖާއެވެ. މިޒާޖުގައި ލަދުވެތިކަމެއް ހުރިނަމަވެސް ފިރިހެން ވަންތައެވެ. ދޮން ހަށިގަނޑަކާއި ރީތި ރޫފައެކެވެ. ހަގީގަތުގައި ޝާނީގެ ހިތުގައި ކަނި ޖަހަމުން ދަނީ ނިހާންގެ ލޯބީގެ ހުޅުކޮޅެވެ. ނަމަވެސް ނިހާން ޝާނީ އާއި މެދު ދެކޭގޮތެއް ނޭގެއެވެ. ނިހާން އައިސް ޝާނީ އާއި ވަރަށް ވާހަކަ ދެއްކިއެވެ. ދަތުރުގެ ވާހަކައެވެ. ޕްރޮޖެކްޓްގެ ވާހަކައެވެ. އޭނާގެ ކެމެރާއިން ޝާނީގެ ފޮޓޯވެސް ނެގިއެވެ.
މާގިނައިރުތަކެއްނުވެ އެހެންކުދިން އަތުވެއްޖެއެވެ. އަދި ބަސްއައުމުން ދަތުރުވެސް ފެށިއެވެ. ކުރުކުރު ދަތުރަކަށްފަހު މާންދުއަށް ދެވުނެވެ. ސިނާއީ މަސައްކަތް ކުރާ ރަށެކެވެ. މަސް ކިރުމާއި ފިނިކުރުމާއި ބަންދުކުރުމުގެ މަސައްކަތެވެ. މި ހުރިހާ ތަނަކަށްވެސް ޒިޔާރަތް ކުރުން އޮތީ ގުރޫޕްތަކެއްގެ ގޮތުގައި ކަމުން ފުރަތަމަ ކަމަކަށް އޮތީ ހުރިހާކުދިން ބައި ބަޔަށް ބަހާލުމެވެ.
ޝާނީ ދިޔައީ ރައްޓެހި ގުރޫޕް އަކާ އެކުގައެވެ. ނާސިހާ އާއި ހަސަނެވެ. ރިޔާޒާއި ޖާވިދެވެ. އެމީހުންނަކީ ލޯބިވެރިންނެވެ. ބާކީވެފައި ތިބެން ޖެހުނީ ޝާނީ އާއި ނިހާންއެވެ. ނާސިހާމެން އުޅޭލެއް މަޖާކަމުން ޝާނީއަށްވެސް ބިޓެއް ލިބޭނެ ނަމައޭ ހިތާކިޔާލެވެއެވެ. ލިބުނު ކުޑަ ވަގުތު ކޮޅުގައިވެސް އެޖޯޑްތައް އެކަހެރިވެލިއެވެ.
ޝާނީ ތަންކޮޅެއް ދުރުގައި ހުރި ފިތުރޯނު ގަހެއްގެ ހިޔަލުގައި ހުރި ބެންޗެއްގައި އިށިނެވެ. އޭރު ނިހާން ކޯކު ދަޅެއް ބޮމުން ޝާނީ އާއި ދިމާއަށް އަންނަތަން ޝާނީއަށް ފެނުނެވެ. ހަގީގަތުގައި ނިހާން އެތަނަށް އައުމަށް އެދި ޝާނީގެ ހިތް އެދި ގޮވާތާ ކިތައްމެ އިރެކެވެ. އެ އަޑު ދުލަށް ލަފްޒް ތަކެއްގެ ސިފަގައި ނާންނަނީއެވެ.
ނިހާން އައި ގޮތަށް އައިސް ޝާނީ އިން ބެންޗުގެ އަނެއްކޮޅިގައި އިށީނެވެ. ޝާނީ ވަރަށް ފުންނަޒަރަކުން ނިހާނަށް ބަލާލިއެވެ. އަދި ދެމީހުންގެ ހަތަރު ކަޅި ހަމަަވެގެން ދިޔައެވެ.
"ކޮބާ އެމީހުން؟" ނިހާން ސުވާލުކުރިއެވެ.
"އެމީހުން ވެއްޖެ އެދިމާގައި" ތަންކޮޅެއް ދުރުގައި ހުރި ގަސްތަކަށް އިޝާރާތް ކޮށްލަމުން ޝާނީ ބުންޏެވެ.
"ކީއްވެ އެކަނި ޝާނީ ތިއިންނަނީ" ކޯކު ދަޅުން އެތިފޮދެއް ބޯލަމުން ނިިހާން ބުންޏެވެ. "ޝާނީ ބިޓެއް ނުނަގަންތަ؟"
ނިހާން އެހެން ބުނުމުން ޝާނީ ނިހާން އަށް ބަލާލިއެވެ. އަދި ލަދުވެތި ހިނިތުންވުމެއް ފާޅުކޮށްލިއެވެ.
"ކިހިނެއް ވީ؟" ޝާނީ ވެސް ކުރީ ސުވާލެކެވެ. "ނިހާން ބިޓެއް ނިގީތަ؟"
"ނޫނޭ" ނިހާން ބުންޏެވެ. "ކާކު އަހަރެން ކަހަލަ މީހަކާ ރައްޓެހި ވާނީ"
ނިހާން އެހެން އެބުނީ ކޮން މާނައެއްގައި ކަމެއް ޝާނީއަކަށް ނުވިސްނެއެވެ. ހަމަގައިމުވެސް ނިހާން އަކީ ރީތި މީހެކެވެ. ނިހާން އާއި ރައްޓޭހިވާނޭ އަންހެން ކުދިން ތިބޭނެއެވެ. ޝާނީގެ ހިތުގައިވެސް ނިހާންގެ ނަންވަނީ ލިޔެވިފައެވެ.
"ކީއްވެ ނުވާންވީ، ހަމަގައިމުވެސް އަހަންނަށް ނިހާން ވަރަސް ސަޅި" ޝާނީ އޭނާގެ ހިތުގައި އަޮތްގޮތަށް ބޭރުކޮށްލިއެވެ.
އޭގެން ނިހާން ނަގާނޭ މާނައެއް ނަގަންވީއެވެ. އެއާއެކު ނިހާންގެ ދޮންމޫނު ރަތްވެގެން ދިޔަކަން ޝާނީއަށް ފާހަގަކުރެވުނެވެ. ނިހާން މަޑުމަޑު ހިނިތުންވުމެއް ފާޅުކޮށްލިއެވެ. އެއާއެކު ނިހާންގެ ރީތިކަން ޝާނީއަށް އިތުރަށް ފުރިހަމަ ވެގެންދިޔައެވެ.
އެދުވަހަށް ފަހު ނިހާން އާއި ޝާނީ އާއި ދެމެދުގައި އޮންނަ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ޝާނީގެ ހިތުގައި ނިހާންއަށް އުފެދެމުންދިޔަ ލޯބި ދިޔައީ އިތުރުވަމުންނެވެ. ނިހާންވެސް އޭނާގެ ހުރިހާ ސިއްރެއް ޝާނީ އާއި ހިއްސާކުރެއެވެ. އޭނާގެ ސްކޫލުންދޭ ފިލާވަޅުތައްވެސް ޝާނީއެވެ. އެހުރިހާކަމެއްވެސް ޝާނީ ކުރަނީ ނުހަނު އުފަލާއެކުގައެވެ.
ޕްރިފެކްޓް މީޓިން ނިމުމާއެކު ޝާނީ ކުލާހަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ކުލާހަށް ދިޔައިރި ކުލާސް ދޮރުމަތީގައި ނިހާން ހުރީ ޝާނީގެ އިންތިޒާރުގައެވެ.
"ޝާނީ، މެކްސް ހޯމްވޯރކް ހެދިންތަ؟" ނިހާން އަވަސް އަވަހަށް އަހާލިއެވެ. "ގަނޭޝް ޝަރ ދިން ހޯމްވޯރކް"
"އާން" ބޯ ޖަހާލަމުން ޝާނީ ބުންޏެވެ. "ނިހާން ނުހަދަން ދޯ؟"
" ޝާނީ ޕްލީޒް... އެ ވޯރކް ނިންމާލަ ދީބަލަ" އާދޭހުގެ ރާގަކަށް ނިހާން ބުންޏެވެ. "ބްރޭކް ފަހުންނޭ މެކްސް އޮތީ ވެސް"
ނިހާންގެ އަތުގައި އޮތް ފޮތް ޝާނީ ގެ އަތަށް ދިނުމަށްފަހު ނިހާން އަވަސް އަވަހަށް ކްލާހަށް ދިޔައެވެ.
ގޮނޑީގައި އިށީނުމަށްފަހު ޝާނީގެ ފުރަތަމަ ކަމަކަށްވީ ނިހާންގެ މެކްސް ހޯމް ވޯރކް ނިންމުމެވެ. އަވަސް އަވަހަށް ޝާނީ އެފޮތް ހުޅުވާލިއެވެ. އެއާއެކު ޝާނީއަށް ފެނުނީ ގަބޫލު ކުރަން ދަތިވި މަންޒަރަކެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ފޮތުގެ ފުރަތަމަ ގަނޑުގައިވެސް ލިޔެފައި އެއޮތީ ޝާނީ އެންމެ އަޑުއަހާލަން ބޭނުންވާ ޖުމްލައެވެ.
ކުރަހާފައިވާ ގަދަ ރަތްކުލައިގެ ހިތެއްގެ ތެރޭގައި "އައި ލަވް ޝާނީ " ލިޔެފައި އެނަވީ ނިހާން ގެ އަތު ލިޔުމުންކަން ޝާނީއަށް ޔަޤީން ކުރެވުނެވެ. އެއީ ޝާނީގެ ލޯތްބަށް އެދެން ނިހާން ހެދި އުކުޅެއްބާއެވެ. ނޫނީ ނިހާން ގެ ހިތުގެ ހިނގުން ލިޔުމެއްގެ ސިފައިގައި ޝާނީއަށް ފެނުނީކީ ނޫންބާއެވެ. އެލިޔުން ކޮޅަށް ބަލަން ޝާނީއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލި ހިނދުކޮޅެއްގެ ތެރޭގައެވެ.
ޝާނީއަށް ހޭވެރިކަންވީ ދިވެހި މުދައްރިސް ޝާނީއަށް ގޮވާ އަޑަށެވެ. އޭރު ކުލާހުގެ ހުރިހާ ކުދިން ތިބީ ޝާނީއަށް ބަލާށެވެ. ޝާނީ ލަދުގަންނަގޮތްވިއެވެ. އަވަސް އަވަހަށް އެ ފޮތް ލައްޕާލުމަށްފަހު ފިލާވަޅަށް ސަމާލުކަން ދޭންފެށިއެވެ.
ކޮންމެ ގޮތެއްވިޔަސް ޝާނީ އެފޮތް އަނބުރާ ނިހާންގެ އަތަށް ދިނީ އޭނާ ދޭން ބޭނުންވާ ޖަވާބު އޭގައި ލިޔުމަށްފަހުގައެވެ. ޝާނީވެސް ނިހާންދެކެ ލޯބިވާ ވާހަކައެވެ.
ސެޝަން ނިމުމާއެކު ޝަނީ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ދިޔަމަގުމަތިން ނިހާން ޝާނީ އާއި ބައްދަލުކުރިއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިމަކެވެ. ޝާނީގެ ލަދުވެތި މޫނު ނިހާން ފެނުމާއެކު ރަތްވެގެން ދިޔައެވެ.
"އަސްލުވެސް ލޯބިވޭތަ" ނިހާން ޝަނީ އާއި ހަމަކުރަމުން މަޑުމަޑުން ބުންޏެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް