ޕޮޑޯލްސްކީ ގަލަތަސަރާއީއަށް ސޮއިކޮށްފި

އިނގިރޭސި ކްލަބު އާސެނަލްގެ ޖަރުމަން ފޯވަޑް ލޫކަސް ޕޮޑޯލްސްކީ ތުރުކީގެ ގަލަތަސަރާއީއަށް ސޮއިކޮށްފި އެވެ. އާސެނަލްއިން ގަލަތަސަރާއީއާ ޕޮޑޯލްސްކީ ގުޅިފައިވަނީ 2.5 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ އާސެނަ...

05 Jul 2015 | 05:39

އިނގިރޭސި ކްލަބު އާސެނަލްގެ ޖަރުމަން ފޯވަޑް ލޫކަސް ޕޮޑޯލްސްކީ ތުރުކީގެ ގަލަތަސަރާއީއަށް ސޮއިކޮށްފި އެވެ.

އާސެނަލްއިން ގަލަތަސަރާއީއާ ޕޮޑޯލްސްކީ ގުޅިފައިވަނީ 2.5 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ އާސެނަލްއަށް ސޮއިކުރީ ތިން އަހަރުދުވަހު ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ގަލަތަސަރާއީގެ ރައީސް ދުރްސުން އެޔިޑިން އޮޒްބެކް ބުނީ، އެންމެފަހުން ޖަރުމަން ކުޅުންތެރިޔާއާއެކު އެއްބަސްވުމަކާ ހަމައަށް އާދެވުމުން ނުހަނު އުފާކުރާ ކަމަށެވެ.

"ޕޮޑޯލްސްކީއަކީ ގިނަ ދުވަސްތަކެއް ވަންދެން އަހަރެމެން އުންމީދުކުރަމުންދިޔަ ފަދަ ކުޅުންތެރިއެއް. އަހަރެމެންނަށް ސަޕޯޓަރުންގެ އުންމީދުތަކަށް އަލިކަމެއް ގެނެސްދެވިއްޖެ. އަހަރެމެންނަށް ޕޮޑޯލްސްކީ ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދޭނެކަމަށް ހީކުރަން،" ޕޮޑޯލްސްކީގެ ސޮއި ހޯދުމަށްފަހު ވާހަކަދައްކަމުން ގަލަތަސަރާއީގެ ރައީސް ބުންޏެވެ.

ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޕޮޑޯލްސްކީގެ ޓާގެޓަކީ ޔޫރޯ 2016 ގައި ވާދަކުރާ ޖަރުމަން ގައުމީ ސްކޮޑުން ޖާގަ ހޯދުމެވެ. އޭނާ ގަލަތަސަރާއީއާ ގުޅިފައިވަނީ ނިމިގެންދިޔަ ސީޒަނުގައި ލޯނުގެ ދަށުން އިންޓަމިލާންގައި ހޭދަކުރި ނާކާމިޔާބު ދުވަސްތަކަކަށްފަހު އެވެ.

އުމުރުން 30 އަހަރުގެ ޕޮޑޯލްސްކީ ކޮލޯންއިން އާސެނަލްއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އާސެނަލްއާ ގުޅުމަށްފަހު މިދިޔަ އަހަރު ޕޮޑޯލްސްކީ ވަނީ އެކްލަބާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް