ތާރީހުގައި ފުރަތަމަ ފަހަރަށް ޗިލީއިން ކޮޕާ އެމެރިކާ ކާމިޔާބުކޮށްފި

ތާރީހުގައި ފުރަތަމަ ފަހަރަށް ޗިލީއިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި އެވެ. ކޮޕާ އެމެރިކާގެ ފައިނަލުގައި ވޯލްޑްކަޕްގެ އެންމެ ފަހުގެ ރަނަރަޕް އާޖެންޓީނާގެ މައްޗަށް ޗިލީ ކުރި ހޯދީ ޕެނަލްޓ...

05 Jul 2015 | 05:36

ތާރީހުގައި ފުރަތަމަ ފަހަރަށް ޗިލީއިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި ވޯލްޑްކަޕްގެ އެންމެ ފަހުގެ ރަނަރަޕް އާޖެންޓީނާގެ މައްޗަށް ޗިލީ ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި އާޖެންޓީނާގެ މައްޗަށް ޗިލީ ކުރި ހޯދީ 4-1 ލަނޑުންނެވެ. އާޖެންޓީނާގެ ހަމައެކަނި ޕެނަލްޓީ މެސީ ކާމިޔާބުކޮށްދިންއިރު، ޗިލީއިން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބުކޮށްފައެވެ. ޗިލީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މަޓިއަސް ފެނާންޑޭޒް، އާޓުރޯ ވިޑާލް، ޗާލްސް އަރަންގުއިޒް އަދި އެލެކްސިސް ސަންޗޭޒް އެވެ. އާޖެންޓީނާގެ ގޮންޒާލޯ ހިގުއޭން އަދި އެވާ ބަނޭގާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އަދި ޗިލީއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އާޖެންޓީނާގެ ސާޖިއޯ އަގުއެރޯއަށް ލިބުނު ފުރުސަތުގައި އުފެއްދި ހަމަލާ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ދިފާއުކުރިިއިރު، ޗިލީގެ އާޓުރޯ ވިޑާލްއަށް ލިބުނު ފުރުސަތުގައި އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފް ނިމެނިކޮށް ޗިލީއަށް ވަރަށް ހުސް ފުރުސަތެއް ލިބުނެވެ. ޗިލީގެ އެލެކްސިސް ސަންޗޭޒްއަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ ދިޔައީ ގޯލް ކުރިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފް އަދި ދެވަނަ ހާފްގައި ނަތީޖާއެއް ނުނެރެވުމުން ކުޅުނު އިތުރު ވަގުތުގައި ވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އިތުރު ވަގުތުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފިޒިކަލް ފުޓްބޯޅައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް