ކޯސްޓް ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ރައީސް އޮފީސް ބަލިކުރުމަށްފަހު ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި އެއް ނަންބަރު ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލުގައި ރައީސް އޮފީސް އަތުން ކަސްޓަމްސް މޮޅުވެފައިވަނީ ހަތް ވިކެޓުންނެވެ.
މިމެޗުގައި ޓޮސް ދިމާވެގެން ކަސްޓަމްސްއިން ގަސްތުކުރީ އުކުމަށެވެ. ރައީސް އޮފީހުން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.
ޖަވާބުގައި ކަސްޓަމްސްއިން ކުޅެން އަރައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ކަސްޓަމްސްގެ މުހައްމަދު އާމިރު 34 ލަނޑު ހެދިއިރު، މުހައްމަދު ރިޔާޒްއާއި މުހައްމަދު ހައިކަލް ކޮންމެ ކުޅުންތެރިޔަކު 13 ލަނޑު ހެދިއެވެ.
މިމުބާރާތުގެ އެންމެ މޮޅު ބެޓްމަނަކަށް ރައީސް އޮފީސް ޓީމަށް ޖުމްލަ 116 ލަނޑު ހަދައިދިން މުހައްމަދު ޝަހީރު ހޮވުނުއިރު، އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ ދިހަ ވިކެޓް ނެގި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ އަހްމަދު ރަޝާދު އެވެ.
މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ހަވާލުކޮށްދިނީ ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިންގް އެންޑް ސޭލްސް މެނޭޖަރު އަހްމަދު ޝަރީފް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް