"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާގައި ސޮއި ކުރައްވައިފިއެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުން ކުރިއަށްގެންގޮސްފައިވަނީ ސިވިލް ސާވިސް ކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކުރިއަށް އޮތް ސިވިލް ސަރވިސް ކޮންފަރެންސްގެ އެކިއެކި ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އައިލެންޑް އޭވިއޭޝަން ސަރވިސަސް، ޕަބްލިކް ސަރވިސް މީޑިއާ، އޫރިދޫ މޯލްޑިވްސް، ދުވަސް، މޯލްޑިވްސް ބިޒްނަސް ރިވިއު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފައިވެއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ދެއްކެވި ވާހަކަފުޅުގައި، މި ފަހުމުނާމާއަކީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ "މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް މި ކުންފުނިތަކުގެ އެހީގައި ކުރިއަށްދިޔުމުގެ މަގުފަހުކޮށްދިނުމުގެ ގޮތުން ސޮއިކުރެވޭ ފަހުމުނާމާއެއް ކަމަށް ވިދާޅުވިއެވެ.
ދިވެހި ސިވިލް ސަރވިސް ޑިޖިޓަލައިޒްކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞަދުގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް