ޙައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މުސްލިމުންނެއް މައްކާއަށް ދަތުރުކުރާއިރު މައްކާގައި ފިލާތިބެ ޙައްޖުގެ އަޅުކަން އަދާކުރާ މީހުންނަކީވެސް ކޮންމެ އަހަރަކުވެސް އުޅޭ ބައެކެވެ.
އޭއެފްޕީއަށް އިއްޔެ އިންޓަވިއުއެއް ދީފައިވާ އެކަކީ އެ މަގުން މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް މާ ދުރާލާ ގޮސް އެޕާޓްމެންޓެއްގައި ފިލައިގެން އުޅޭ ގްރޫޕެއްގެ ތެރެއިން އެކަކެވެ. "މުހައްމަދު" މި ނަމުން އޭނާ އޭއެފްޕީއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ހޫނު ގަދަ ނަމަވެސް އެޕާޓްމެންޓްގެ ތެރޭގައި ހަމަ އެކަނި ޒަރޫރީ ކެއުމާއި ބުއިމާއެކު ތިބޭތާ އެތައް ހަފްތާއެއް ވެފައިވާކަމަށާއި އުންމީދަކީ އެ ހާލުގައިވެސް ޙައްޖުގެ އަޅުކަން އަދާކުރެވުން ކަމަށެވެ.
އުމުރުން 70 އަހަރުގެ އޭނާ ބުނެފައިވަނީ އޭނާއަކީ މިސްރަށް ނިސްބަތްވާ މީހެއް ކަމަށާއި ޚައްޖަށް ދެވޭތޯ 10 އަހަރު މަސައްކަތްކޮށްގެންވެސް އެކަން ކާމިޔާބުވާގޮތް އަދި ވެފައިނުވާކަމަށެވެ.
މިސްރުގައިނަމަ ޙައްޖަށްދާން ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް 3700 ޑޮލަރު ހޭދަވެއެވެ. މުހައްމަދު ބުނެފައިވަނީ އެއީ އޭނާއަށް ޚަރަދު ކުރެވޭނެ ވަރެއް ނޫންކަމަށާއި ދުރާލާ ފަތުރުވެރި ވިސާގައި މައްކާއަށް ގޮސް ޓްރެވަލް އޭޖެންޓެއްގެ އެހީގައި ގެސްޓްހައުސްއެއްގައި އެމީހުން ފިލާ ތިބެނީ ކަމަށެވެ. އަދި ނިކުންނަނީ ކޮންމެހެން ނުނިކުމެ ނުވާނެހެން ހީވާ ހާލަތްތަކުގައި އެކަނި ކަމަށެވެ.
ޙައްޖު ހުއްދަ ނެތި ޙައްޖުވާން މަސައްކަތްކުރާ އެތައް ބަޔަކު ކޮންމެ އަހަރަކުވެސް އުޅެއެވެ. އަދި މިފަދަ މީހުން އަތުލައިގަނެ ޑީޕޯޓު ކުރެވޭ އަދަދު ކޮންމެ އަހަރަކުވެސް ހާހުން ގުނާލެވެއެވެ. އެހެންނަމަވެސް ސަޢޫދީ ރަސްމީ އިދާރާތަކުން މިފަދަ ނަމްބަރުތައް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް