ޔޫއެސް އެއިޑް މެދުވެރިކޮށް ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ޔުނައިޓެޑް ސްޓޭޓްސްގެ ފަރާތުން، ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔުނައިޓެޑް...

05 Jun 2023 | 18:25

ޔުނައިޓެޑް ސްޓޭޓްސްގެ ފަރާތުން، ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް، ކުރިއަށް އޮތް އަހަރަށް އިތުރު އެހީ ފޯރުކޮށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން އިތުރު 7.2 މިލިއަން ޑޮލަރު (110.8 މިލިއަން ރުފިޔާ) ގެ އެހީ ޔުނައިޓެޑް ސްޓޭޓްސްގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭނެ ކަަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއާއިއެކު 2019 ގައި ފުރަތަމަ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީގެ އަދަދު 36 މިލިއަން ޑޮލަރަށް (554.4 މިލިއަން ރުފިޔާ) އަރާނެ ކަމަށެވެ.

މި އެހީގެ ދަށުން އެހީތެރިކަންފޯރުކޮށްދޭނެ ދާއިރާތަކަކީ ޑިމޮކްރެޓިކް ހިންގުންތެރިކަން، އަމިއްލަ ފަރުދުންނާ މުޖުތަމައުގެ ވިލުންވެރިކަން، އަދި ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ދިވެހި ރައްޔިތުންނާ ދިވެހި ސަރުކާރާއެކު ޤާއިމުކޮށްފައިވާ ގުޅުން އިތުރަށް ފުޅާވެ، އެމެރިކާ އާއި ރާއްޖޭން އިސްކަންދޭ ކަންކަން ކުރިއެރުވުމަށް އެހީތެރިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓްގައި ސޮއިކޮށްފައިވަނީ މިއަދު އެމެރިކާގެ ޝާޖޭ ޑި އެފެއާޒް ގެބްރިއަލް ގްރައު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާރޒް އަލްފާޞިލް އަހުމަދު ހަލީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް