ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައި ވަނީ، މިއަދު ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (heroin)އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، ޕާކިސްތާނު ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ހާަމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް