ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ތާއީދާއި އިތުބާރު އެމަނިކުފާނަށް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އަމަލު ކުރައްވަނީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެންނެވެ.
ޝަރީފްގެ ތުހުމަތަށް އިޝާރަތްކުރައްވާ "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޤަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލު ކުރައްވާނަމަ އެ އޮންނަ އުސޫލުން މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅުއްވަން ވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ އެކަން ނުކުރާތީ މަޖިލީހުގެ ރައީސް، މަޖިލީހުގެ ޤަވައިދާ ހިލާފަށް އަމަލުކުރައްވާ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް އާޒިމް ވިދާޅުވި އެވެ.
މިގޮތުން މިކަމަށް އިޝާރަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ 100 ޕަސަންޓް އިތުބާރު އެމަނިކުފާނަށް އޮތްކަން ޔަގީން ކަށަވަރު ކަމަށެވެ.
އަދި 87 މެންބަރުންގެ ތެރެއިން އެންމެ މެންބަރަކުވެސް ރިޔާސަތަށް އިތުބާރު ނެތް މެންބަރަކު ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރިޔާސަތުން ކަން ކުރަމުން ގެންދާނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެމަނިކުފާނާއި މެދު ކުރައްވާ އިތުބާރާއި ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށް ނަޝީދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް