ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރި ކުރުވުމަށާއި، އެތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމަށް އާބަންކޯ އިން ފުރުސަތު ހުޅުވާލައިފިއެވެ.
އާބަންކޯ އިން ބުނީ މި ކޯހަކީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އަރބަންކޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ކޯހެއް ކަމަށެވެ.
އަރބަންކޯގެ ފަރާތުން އަންހެނުން ބާރުވެރި ކުރުވުމަށާއި، އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕޭންގެ ތެރެއިން ތައާރަފް ކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 4 ސެޝަނަކަށް ބަހާލައިގެން ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.
އާބަންކޯ އިން ބުނީ ޖުމްލަ 8 ގަޑި އިރުގެ މި ކޯހުގެ ކޮންމެ ސެޝަންއަކީ ވެސް 2 ގަޑި އިރު ކަމަށާއި އަދި މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު ކަމަށެވެ.
އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރި ކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.
މިގޮތުން އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައި ދެވޭނެ ކަމަށް އާބަންކޯ އިން ހާމަކުރެެއެވެ.
އާބަންކޯ އިން ވަނީ ކޯހުގައި ބައިވެރިވުމަށް ލިންކު ހިއްސާކޮށް މި ކޯހުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
https://forms.gle/4inMaeHFwBAt6SMK8
އަރބަންކޯ އާއި އެމްއައިޓީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އަންހެނުންނަށް ޚާއްސަ ކޯހެއް ތައާރަފްކޮށް ފުރުސަތު ހުޅުވާލާފައިވާއިރު، މި އެމްއޯޔޫގެ ދަށުން ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާރބަންކޯ އިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް