ރާއްޖެއާއި ލަންކާއާ ދެމެދު ބާއްވާ "ޖޮއިންޓް ކޮމިޝަން"ގެ ހަތަރު ވަނަ ސެޝަން ކޮލަމްބޯގައި

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި 6 އިން 7 ޖޫން 2023އަށް ބާއްވާނެކަމަށް ފޮރިން މިނިސްޓްރީއި...

05 Jun 2023 | 06:53

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި 6 އިން 7 ޖޫން 2023އަށް ބާއްވާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ފޮރިން މިނިސްޓޮރީއިން ބުނީ މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ ސަބްރީ ކަމެވެ. މީގޮތުން މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ ކުރިން 6 ޖޫން 2023 ގައި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަންވެސް ބުނެއެވެ.

"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984ވަނަ އަހަރު ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި މިޖޮއިންޓް ކޮމިޝަންއަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެޤައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖަޢާކުރުމަށް ދެޤައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކަމަށްވެސް ފޮރިން މިނިސްޓްރީއިން ފާހަގަކުރެއެވެ.

މިސެޝަނުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ޘަޤާފަތާއި، ތަޢުލީމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދިފާޢީ ދާއިރާއާއި، ޤާނޫނާއި ޤާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނޭކަން ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މިޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެޤައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށްވެސް ބުނެއެވެ.

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް