އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އުމުރުން ދޮށީ މީހުންނަށް ދެމުންދާ އެލަވަންސަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާނު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވެންސް ބޮޑު ކުރައްވާނެ ކަން ރައީސް ހާމަކުރައްވާފައިވާ ނަަމަވެސް ބޮޑު ކުރަނީ ކިހާވަރަކަށް ކަން ހާމަކޮށްފައެެއް ނުވެއެވެ.
އުމުރުން ދުވަސްވީ މީހުންނަށް އެލަވެންސް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަޝީދުގެ ވެރިކަމުގައި ދޭން ފެށީ މަހަކު 2،000 ރުފިޔާއެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2،300 ރުފިޔާ ދޭން ފެށުމަށް ފަހު ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނަށް ބަދަލު ގެނެސް އެލަވެންސް ވަނީ 5،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ހަމައެހެންމެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން ނައިނަމަ، ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ، ބޮޑު ބަދަލެއް އައިސްފައި މިހާރު ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމާ އެކުވެސް ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައި، ނިންމާފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގައި އުމްރާނީ ތަރައްޤީ އަށް ކުރަން ހުންނާނީ ވަރަށް މަދު ކަންތައްތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް