އަރބަންކޯ އިން ހިންމަފުށީގައި ތަރައްޤީ ކުރި ޖަލުގެ މަސައްކަތް ނިމިއްޖެ

އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްޤީ ކުރި ޖަލުގެ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކޮށް އަރބަންކޯ އިން މިއަދު ބުނީ އަރބަކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށ...

05 Jun 2023 | 05:10

އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްޤީ ކުރި ޖަލުގެ މަސައްކަތް ނިމިއްޖެއެވެ.

މިކަން ހާމަކޮށް އަރބަންކޯ އިން މިއަދު ބުނީ އަރބަކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އެގޮތުން މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދައި ނިމެން ގާތްވެފައި ވާއިރު، އެތަނުގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންވެ ރައީސް އޮފީހުގެ އެދުމުގެ މަތިން އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެއް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އާބަންކޯ އިން އެތަނުގައި މިހާރު ވާނީ 4 ބްލޮކް ހިމެނޭ ގޮތަށް ޖަލެއް އިމާރާތްކޮށްދީފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޖާގައިގެ ގޮތުން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެ ކަމަށާއި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތް ކޮށްފައިވާނެ ކަމަށް އާރަބަންކޯ އިން ހާމަކުރެއެވެ.

މީގެ އިތުރުން މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް  ވާނީ ފުރިހަމަ ކޮށްފައި ކަމަށާއި މަސައްކަތްތައް ނިންމާލުމަށް ފަހު ކުންފުނީގެ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައި ކަމަށް އާރބަންކޯ އިން ހާމަކުރެއެވެ.

އަރބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްޤީ ކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނު ކަމުގައިވީ ނަމަވެސް އެ ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ.

އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް