މަގުމަތީގައި ފޯނަށް ގެއްލި ހުސްވާ މީހުންނަށް ތިންވަނަ ލޮލެއް!

މަގުމަތީގައި ފޯނުތަކަށް ގެއްލި ހުސްވާ "ސްމާރޓް ފޯނު" ޒޮމްބީންނަށް ޚާއްސަ ހައްލެއްގެ ގޮތުގައި 'ތިން ވަނަ ލޮލެއް' ދެކުނު ކޮރެއާގެ ޑިޒައިނަރު ޕޭންގ މިން ވުކ އީޖާދު ކޮށްފިއެވެ. "ތަރޑު އައި" ނުވަތަ 3 ވަނަ ...

05 Jun 2021 | 13:25

މަގުމަތީގައި ފޯނުތަކަށް ގެއްލި ހުސްވާ "ސްމާރޓް ފޯނު" ޒޮމްބީންނަށް ޚާއްސަ ހައްލެއްގެ ގޮތުގައި 'ތިން ވަނަ ލޮލެއް' ދެކުނު ކޮރެއާގެ ޑިޒައިނަރު ޕޭންގ މިން ވުކ އީޖާދު ކޮށްފިއެވެ.

"ތަރޑު އައި" ނުވަތަ 3 ވަނަ ލޮލުގެ ނަމުގައި 28 އަހަރުގެ މި ޑިޒައިނަރު އީޖާދު ކޮށްފައި ވަނީ ރޮބޮޓިކް ލޮލެކެވެ. ފަސޭހަ ކަމާއިއެކު ބޮލުގައި ހަރުކޮށްލެވޭ މި ލޮލުގެ ސަބަބުން، މޯބައިލް ފޯނުގެ ސްކްރީންތަކަށް ބަލަމުން މަގުމަތީގައި ހިނގާ މީހުންނަށް، މި އީޖާދުގެ ސަބަބުން އެކްސިޑެންޓަކާއި ދިމާނުވެ، ފޯނު ބޭނުން ކުރެވޭނެ ކަމަށް ޕެންގ ބުނެއެވެ.

މި އީޖާދަކީ ފޯނޯ ސޭޕިއެންސްގެ ނަމުގައި ޕޭންގ އެކުލަވާލާ ފަންނީ މަސައްކަތުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ.މި މަސްނޫއީ ލޯ މަސައްކަތް ކުރަނީ އެ ބޭނުން ކުރާ މީހާގެ ހަރަކާތްތައް ދެނެގަނެގެންނެވެ.އެގޮތުން، މަގުމަތީގައި ހިނގާފައި ދާއިރު، އޭނާގެ ބޯ ހުންނަން ޖެހޭ މިންވަރަށް ވުރެ ތިރިއަށް ލެނބިފައިވާ ނަަމަ، އެ ކަން މި މަސްނޫއީ ލޯ ވަގުތުން ދެނެގަނެ، ވަގުތުން އޭގެ މަސައްކަތް ފަށައެވެ. ލޯ އެކްޓިވޭޓު ވުމަށް ފަހު، މި ލޯ ބޭނުން ކުރަމުންދާ މީހާ އެހެން އެއްޗަކާއި 2 މީޓަރު ކައިރި ވުމުން، ނުރައްކާ އަންގައި ދިނުމަށް މި ލޮލުން އަޑެއް ކިޔަން ފަށާނެއެވެ.

ކޮރެއާގެ ވެރިރަށް ސޯލުގައި މި މަސްނޫއީ ލޯ މަސައްކަތް ކުރާ ގޮތުގެ ޑެމޯއެއް ދައްކާލަމުން ޕޭންގ ރޮއިޓަރސްއަށް ބުނީ، މިހާރު މި ފެންނަނީ "ތަރޑު އައި"އާއިއެކު، އިންސާނުންގެ މުސްތަޤްބަލް ކަމަށެވެ.ޕޭންގު އިތުރަށް ބުނި ގޮތުގައި، މީހުންގެ ލޯތައް ސްމާރޓް ފޯނުތަކުން ދުރަށް ނުދާތީވެ، ކުރިއަށް އޮތް ތަނުގައި މި މަސްނޫއީ ލޯ ކަމުގައިވާ "ތާރޑު އައި" ގެ ބޭނުން ނުހަނު ބޮޑު ވާނެ ކަމަށެވެ.ޕޭންގަކީ ރޯޔަލް ކޮލެޖު އޮފް އާރޓް އެންޑް އިމްޕީރިއަލް ކޮލެޖުން އިނޮވޭޓިވް އިންޖިނއަރިންގ ގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލް ކޮށްފައިވާ ޒުވާނެކެވެ.

މި އުފެއްދުން ބޭނުން ކުރާ މީހާގެ ކަރުން ފެށިގެން އޮބްލިކް މިންތައް ނަގާ، ތާރޑް އައި އިން ދެނެގަންނާނެއެވެ.އޭގެން މިކަން ކުރާނީ ގައިރޯ ސެންސަރެއް ބޭނުން ކޮށްގެންނެވެ. އަދި މީގެ އިތުރުން، ބޭނުން ކުރާ މީހާގެ ކުރިމަތިން ދިމާވާ ހުރަސްތައްވެސް އަލްޓްރާސޮނިކްގެ އެހީގައި މި ލޮލުން ކަލްކިއުލޭޓު ކޮށްލާނެއެވެ.މި ދެ ސެންސަރުވެސް ވަނީ ބެޓެރީ ޕެކަކާއިއެކު ވާ ސިންގަލް ކޮންޓްރޯލް މައިކްރޯކޮންޓްރޯލާ އަކާއި ގުޅާލެވިފައެވެ.

މިހާރު ޕޭންގ އަންނަނީ ތާރޑު އައިގެ ކެމެރޭއެއް އެކުލެވޭ މޮޑެލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ހަމަ މިއާއިއެކު، މި އުދެއްްދުމާއި ގުޅާލެވޭނެ މޯބައިލް ފޯނު އެޕްލިކޭޝަންއެއް ތަރައްޤީ ކުރުމަށްވެސް ޕޭންގ ވިސްނައެވެ.އޭނާގެ މި އައު އީޖާދު ވިއްކުމަށް ބާޒާރަށް ނެރޭކަށް އޭނާ އަދި ވިސްނާފައެއް ނުވެއެވެ.ނަމަވެސް، މި އުފެއްދުމަށް ލިބެމުންދާ ބޮޑު ޑިމާންޑާއި އެކު، ޕޭންގ ގެ މި ވިސްނުން ދާދި އަވަހަށް ބަދަލު ކުރަން ޖެހިދާނެ ކަމަށް ބެލެވެއެވެ.

މިހާރުވެސް ތާރޑު އައި އަންނަނީ ކޮރެއާގެ ޒުވާނުންގެ މެދުގައި މަޤްބޫލު ވަމުންނެވެ. ގިނަ ބަޔަކު މިއީ އައު އީޖާދެއް ކަމުން މި އީޖާދުގެ އަޖުމަ ބަލާލުމަށް ވަނީ ކެތް މަދުވެފައެވެ. އެގޮތުން، 23 އަހަރުގެ ޝިން ޖޭ އިކް ބުނެފައި ވަނީ ސްމަރޓް ފޯނު ބޭނުން ކުރުމުގެ ސަބަބުން، މަގުމަތީގައި އެކަކު އަނެކަކު ގައިގަ ޖެހި، އެކްސިޑެންޓެެް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެން ކަމުން މިވަގުތު މި އުފެއްދުމުގެ ބޭނުމެއް އޭނާއަށް ނެތް ނަމަވެސް، މި އުފެއްދުން ބާޒާރު ކުރުމުން ތާރޑު އައި  ގަންނާނެ ކަމަށެވެ.

ކޮންމެ އަކަސް، މަގުމަތީގައި ފޯނަށް ގެއްލި ހުސްވާ މީހުންނަށް ތާރޑު އައި ވެގެންދާނީ ބޭނުންތެރި ހައްލަކަށް ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް