ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓްރެސް ޔާމީ ގޯތަމް ކައިވެނި ކުރިކަން އިއްޔެ ކުއްލިއަކަށް އިއުލާނު ކުރުން ވެގެން ދިޔައީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަރަތުތައް ގެނެސްދޭ ނޫސްތަކަށް ލިބުނު ސަޕްރައިޒަކަށެވެ.
އުމުރުން 32 އަހަރުގެ ޔާމީ ކައިވެނި ކޮށްފައިވަނީ 38 އަހަރުގެ ޑައިރެކްޓަރު އަދިތްޔާ ދަރް އާއި އެވެ. އަދިތްޔަ އަކީ 2019 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "އުރީ" އިން ވިދާލާފައިވާ މަޝްހޫރު ޑައިރެކްޓަރެކެވެ.
ޔާމީވެސް ފެނިގެން ދިޔަ އެ ފިލްމުން އަދިތްޔައަށް ވަނީ ނެޝަނަލް ފިލްމު އެވޯޑުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފަ އެވެ. އެކަމަކު އެ ދެމީހުންގެ އިތުރު ގުޅުމެއް އޮތް ކަމެއް މިހާތަނަށް އާންމުންނަކަށް އަދި އިންޑިއާ މީޑިއާއަކަށްވެސް ނޭނގެ އެވެ.
އެ ދެމީހުންގެ ގާތް މީހުން ފިޔަވާ އެ ގުޅުން އެނގޭ މާގިނަ ބަޔަކު ނެތެވެ. ހާއްސަކޮށް ފިލްމުގެ "އުރީ" ގައި ޔާމީ އާއި އަދިއްތަޔާ އާއި އެކު މަސައްކަތް ކުރި އެންމެންނަންހެން އެ ދެމީހުންގެ ކައިވެނިން ވަނީ ޝޮކެއް ލިބިފަ އެވެ.
އެހެންވެ ކައިވެނީގެ ހަބަރާއި އެކު ނޫސްތަކުން ދަނީ އެ ދެމީހުންގެ ގުޅުމުގެ ހަގީގަތް ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދެމީހުންގެ ކައިވެންޏާއި ގުޅުން ހުރި އިތުރު ފޮޓޯތަކާއި ވީޑިއޯތައް ހޯދައި ތަފާތު ހަބަރުތައް ދަނީ ޖަހަމުންނެވެ.
ޔާމީގެ ގާތް މީހަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމީހުންގެ ގުޅުން ފެށުނު ގޮތުގެ ވާހަކައެއް އެމީހުންނެއް ނުދައްކާނެ އެވެ. އެކަމަކު އެ ފަރާތަށް ޔަގީންވާ ކަމަކީ ޔާމީ އާއި އަދިތްޔާގެ ގުޅުން ފެށިފައިވަނީ ފިލްމު "އުރީ"ގެ މަސައްކަތުގެ މާހައުލުން ކަމަށް ބުނެފައިވެ އެވެ.
ޔާމީ އަދިތްޔާ އާއި ކައިވެނި ކުރިކަން އެނގުނީ ކައިވެންޏަށް ފަހު އިއްޔެ އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ދެމީހުންގެ ކައިވެނީގެ ހަފްލާގެ ފޮޓޯއެއް އާންމު ކުރުމުންނެވެ. އެ ފޮޓޯ އާންމުކޮށް، ޔާމީ ބުނެފައިވަނީ ކައިވެނީގެ އުފާވެރި ހަފްލާ ބާއްވާފައިވަނީ ވަރަށް ހާއްސަ ކުޑަކުޑަ ރަސްމިއްޔާތަކާއި އެކު ކަމަށެވެ.
އެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް މީހުން އެކަނިކަމަށް ޔާމީ ބުނެފައިވެ އެވެ. އަދި ދެ މީހުންގެ ގުޅުމަށް ހުރިހާ އެންމެންގެ ފަރާތުން ހެޔޮ ދުއާ އެދޭ ކަމަށް ބުނެފައިވެ އެވެ.
https://www.instagram.com/p/CPsp4oGFnE5/?utm_source=ig_embed&ig_rid=dfae85c1-4eb4-4db3-99d7-a79bf7fdab9b
ފިލްމު ޑައިރެކްޓު ކުރުމުގެ އިތުރުން އަދިތްޔާ އަކީ ވާހަކަވެސް ލިޔާ މީހެކެވެ. މިހާރު އަދިތްޔާ ޑައިރެކްޓު ކުރަމުން އަންނަ ފިލްމަކީ “އިމޯރަލްް އަޝްވަތަމާ” އެވެ.
ޔާމީ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ފިލްމު “ބޫތް ޕޮލިސް” އިންނެވެ. ޔާމީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “ކާބިލް” އަދި “ވިކީ ޑޯނާ” ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް