"މަކުޑި" ޕޯޓަލް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ "މަކުޑި" ޕޯޓަލް އަޕްގްރޭޑް ކ...

05 Jun 2021 | 10:48

ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ "މަކުޑި" ޕޯޓަލް އަޕްގްރޭޑް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޞީރުއެވެ.  އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު އަލްއުސްތާޛު ހަސަން ޒަމީލެވެ.

މިއެއްބަސްވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި މިނިސްޓްރީއޮފް ޑިފެންސްގެ ދެމެދުގައި މަކުޑި ސޮފްޓްވެއަރ ތަރައްގީކުރުމަށް ބޭނުންވާ އައިޓީ އިކްވްޕްމަންޓް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މިމަސައްކަތަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ނޮވެމްބަރު  މަހު ގައި ފަށާފައިވާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މިފަދަ ކެމިކަލްތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ. މިއެއްބަސްވުމުގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޑިފެންސް އިން ޤާއިމުކޮށްފައިވާ 'މަކުޑި' ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމަށް ހާޑްވެއަރ ފޯރުކޮށްދެވޭނެއެވެ.

މަކުޑި ކެމިކަލް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް އަކީ ރާއްޖެއަށް އިމްޕޯޓް ކުރާ ކެމިކަލް ތަކުގެ މައުލޫމާތު މެނޭޖްކުރުމަށާއި ކެމިކަލް އިންޕޯޓްކުރާ ފަރާތްތަކުން ހުއްދަ ނެގުމަށް ލުއި ފަސޭހަކޮށް  ދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެކެވެ.

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވާ  މި ދަނޑިވަޅުގައި ވެސް މަކުޑި ޕޯޓަލް މެދުވެރިކޮށް ކެމިކަލް އިންޕޯޓްކުރުމުގެ މަސައްކަތައް ބުރޫއެރުމެއް ނެތި ހުއްދަ ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހާޑްވެއަރގެ ސަބަބުން މަކުޑި ސިސްޓަމް އޮޕަރޭޓްކުރުން އިތުރަށް ހަރުދަނާ ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް