އިންޑިއާ ކޮންސިއުލޭޓެއް ގާއިމްކޮށްގެން އައްޑުއަށްވެސް ރާއްޖެއަށްވެސް އޮތީ ފައިދާ: ރައީސް ނަޝީދު

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކޮށްގެން އެ ސިޓީއަށްވެސް އަދި ރާއްޖެއަށްވެސް އޮތީ ފައިދާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އެމްޑީޕީގެ ރައީސް، ރައީސް...

05 Jun 2021 | 10:24

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކޮށްގެން އެ ސިޓީއަށްވެސް އަދި ރާއްޖެއަށްވެސް އޮތީ ފައިދާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. އަމިއްލަ ނޭފަތުކުރީގައި ތަޅު އެޅުވިފައިނުވާ ވިސްނުމެއް ކަަމަށެވެ.

"އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ސަބަބުން އައްޑޫއަށްވެސް އަދި ރާއްޖެއަށްވެސް ލިބޭން އޮތީ ފައިދާ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1401099341222203392

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މި މައުލޫއަކީ ހޫނު ބަހުސަކަށް ވެފައިވާ މައުލޫއެކެވެ. މި މައުލޫ ބޮޑަށް ހޫނުވެގެން ދިޔައީ އައްޑޫ ސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އިސްވެ އެ ގައުމުން ނިންމާ އެ ގައުމުން އެކަން އިއުލާނުކުރުމުންނެވެ.

ނަމަވެސް ފަހުން އިންޑިއާއިން ބުނެފައިވަނީ އެ ގައުމުން އެހެން ނިންމި ނަމަވެސް އެ މަސައްކަތް ކުރިއަށްދާނީ ރާއްޖެއިން ހުއްދަ ދިނުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ދުވަހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ މިކަމުގައި އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ. އެހެންނަމަވެސް އެ ދެއްވި ޖަވާބުގައި ރައީސް ސޯލިހްގެ ރޫހު ހުރީ އައްޑޫ ސިޓީގައި ކޮންސިއުލޭޓް ގާއިމް ކުރުން ކަމުގައި ބެލެވެއެވެ.

ރައީސް މިކަމުގައި އިތުރަށް ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް ހުންނައިރު ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމްކޮށްފައިވާކަމަށެވެ. އަދި އިންޑިއާއަކީ ދިވެހި ރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް