ކޮވިޑު އަދަދު ކުޑަކޮށް ދަށްވެލި ނަމަވެސް މިއީ ފަރުވާ ކުޑަކޮށްލަންވީ ވަގުތެއް ނޫން !

ފާއިތު މެއި މަހަކީ ދިވެހިރާއްޖެއަށް އުނދަގޫ، ހިތްދަތި މަހެކެވެ. ކޯވިޑް-19ގެ ހަތަރު ވަނަ ރާޅެއް ބިންދާލައި، މުޅި ރާއްޖެ އެ ރާޅުގެ ތެރެއަށް ގަންބުވާލި ބިރުވެރި މަހެކެވެ. ރާޅުގެ އޮއިގައި ބެހި އެތައް ފުރާ...

05 Jun 2021 | 09:39

ފާއިތު މެއި މަހަކީ ދިވެހިރާއްޖެއަށް އުނދަގޫ، ހިތްދަތި މަހެކެވެ. ކޯވިޑް-19ގެ ހަތަރު ވަނަ ރާޅެއް ބިންދާލައި، މުޅި ރާއްޖެ އެ ރާޅުގެ ތެރެއަށް ގަންބުވާލި ބިރުވެރި މަހެކެވެ. ރާޅުގެ އޮއިގައި ބެހި އެތައް ފުރާނައެއް އަޅުގަނޑުމެންނާ އަލްވަދާޢު ކީ ކަޅު މަހެކެވެ. މެއި މަހަކީ ރާއްޖެއިން މިހާތަނަށް ފެނިފައިވާ ކޯވިޑް-19ގެ ވޭދަނަތަކުގެ ދެ ބައި ކުޅަ އެއްބައި ވޭދަނަ ފެނުނު މަހެވެ. އަނެއްކޮޅުން ރާއްޖެއިން މިހާތަނަށް މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީ ވެސް ހަމަ މެއި މަހުއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.

މި އަހަރުގެ މެއި މަހު ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އެ މަހު 34،159 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ އެއީ ގާތްގަނޑަކަށް 1101 ވޭދަނައެވެ. އެ އަދަދުތަކާއެކު މުޅި ޖުމުލަ ވަނީ 64،396 އަށް އަރާފައެވެ. މެއި މަހުގެ ކުރިން އެ އަދަދު ހުރީ 30،237 ގައެވެ. މުޅި މެއި މަހަށް ބަލާ ކަމަށް ވާ ނަމަ މެއި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އެއް ހާހުން ދަށުން ވޭދަނަތައް ރިޕޯޓްކުރަމުން އައިސް ހާހަކުން މައްޗަށް އެރިފަހުން އެއްހާހަށް ވުރެ ދަށުން ވޭދަނަތައް ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހާއި، 28 ވަނަ ދުވަހާއި 30 އަދި 31 ވަނަ ދުވަހެވެ. އަދި މެއި މަސް ނިމި މި ހިނގާ ޖޫން މަހުގެ މިހާތަނަށް އައިރު ވެސް ދުވާލެއްގެ މައްޗަށް ފައްސިވާ މިންވަރު ހުރީ ހާހަކަށް ވުރެ ދަށުގައެވެ.

ޖޫން މަހުގެ ފުރަތަމަ 4 ދުވަހުގެ ކުރު ޚުލާސާއެއް!

ޖޫން މަހުގެ ފުރަތަމަ ދުވަހު ފައްސިވެފައި ވަނީ 768 މީހުނެވެ. ދެ ވަނަ 704 މީހުނެވެ. ޖެހިގެން އައި ދުވަހު މި ބައްޔަށް ފައްސިވީ 648 މީހުނެވެ. ޖޫން މަހުގެ 4 ވަނަ ދުވަހު 432 މީހަކަށް ކޯވިޑް-19 ޖެހުނެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ދަށްވުމެކެވެ،

އަދަދުތައް މަތިނުވެ ހިފެހެއްޓުމުގައި ކާފިއުގެ ދައުރު ބޮޑު!

26 މެއި 2021 އިން ފެށިގެން މާލޭގައި ކާފިއު ހިންގާ ގަޑި ހަވީރު 4:00 ން ހެނދުނު 8:00 އަށް ބަދަލުކުރަން ނިންމައި، އެ ނޫން ގަޑިތަކުގައި ބޭރަށް ނުކުންނަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހެދުން ވެގެން ދިޔައީ މެއި މަހުގެ ފަހުކޮޅޭ ވެސް އެއްގޮތަށް ޖޫން މަހުގެ މިހާ ތަނަށް އަދަދުތައް ދަށްކޮށް ހިފެހެއްޓުމަށް އެޅުނު ބާރަކަށެވެ. ކާފިއު ނޫން ގަޑިތަކުގައި ގެއިން ބޭރަށް ނުކުންނަށް ދޫކުރަނީ ގެއަކަށް ދެ ފާހެވެ. އަދި އެ ފާސް ދޫކުރާނީ މިދިޔަ އަހަރުގެ ލޮކްޑައުންގައި އަމަލު ކުރި އުސޫލުން ގޭގެ ކަރަންޓު މީޓަރު ނަމްބަރަކަށެވެ. އެ ޕާސް ދޫކުރެވޭނީ ދުވާލުގެ ކާފިއު ނޫން ގަޑިތައް ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި އަނެއް ޕާމިޓްތައް ދޫކޮށްފައި ހުންނާނީ މެންދުރު 12:00 އިން ހަވީރު 4:00 އާ ހަމައަށެވެ. މި ފާސްތައް ދޫކުރާ ފަރާތް ނޫން އެހެން ފަރާތަކަށް ފާސް ހިފައިގެން ބޭރުގައި ނޫޅެވޭނެ ކަމަށާއި އުޅޭނަމަ އޮންނަ އުސޫލުގެ ތެރެއިން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ. އަދި ފުލުހުން ދަނީ ވިދާޅުވި ގޮތަސް އަމަލު ވެސް ކުރަމުންނެވެ.

ކާފިއުގެ އިތުރުން، މާލޭގައި ރަސްމިއްޔާތުތަކާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާތަންތަން ބަންދު ކުރަން އަންގާފައިވެ އެވެ. އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި އެއްފަހަރާ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މަނާކޮށްފައިވާއިރު ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތަކުން ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކޮށް ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ. ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް އަންގާފައިވެ އެވެ.

އަދަދުތައް ކުޑަކޮށް ދަށް ނަމަވެސް ފަރުވާ ކުޑަކުރެވޭކަށް ނެތް!

އަދަދުތައް ދަށްވުމުން ފަރުވާކުދަކުރެވި މީގެ ކުރިން ކަން ހިނގި ގޮތް އަހަރެމެންނަށް ފެނިއްޖެއެވެ. ފަރުވާކުޑަކުރެއްވިއްޖެ ނަމަ ބަލި ފެތުރޭ ބާރުމިން އަވަސްވެގެންދާނެއެވެ. އެހެންކަމުން މިއީ އަހަރެމެން ވިސްނުން މުހިންމު ކަމެކެވެ. އުސޫލުތަކާއި ޚިލާފު ނުވުން ވަރަށް މުހިންމެވެ. ވެދިޔަ ތަނުން އިބުރަތް ލިބިގަނެ އަދިވެސް އަހަރެމެންގެ އުޅުން ހަރުދަނާކުރަން މިވަނީ ޖެހިފައެވެ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލު ކަމެއް ދިނުން މި ވަނީ މަޖުބޫރި ވެފައެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި ވެކްސިން ޖެހުމަށް ލިބިފައިވާ ފުރުސަތު ނަގައިނުލުން ވެސް މި ވަނީ ބޭނުންތެރި ކަމަކަށް ވެފައެވެ. އަދި އަލާމާތެއް ފެންނަ ނަމަ އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން އެދެވިގެން ވެއެވެ. މިފަދަ ހާލަތެއްގައި އެންމެ ކައިރީގައި ހުންނަ ފުލޫ ކުލިނިކަކަށް ދެވިދާނެއެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނުކުތުން ވެސް ވަރަށް މުހިންމެވެ. ހުން އަންނާނެ ކަމަށް ރަޖާލުމަށް ވުރެ ވަކި މޮޅު ގޮތެއް ނޯންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް