މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ރާއްޖޭން މަސައްކަތްތަކެއް ކުރޭ: ރައީސް

ދިވެހިރާއްޖެއަކީ މާހައުލީ ނިޒާމު އިއާދަކޮށް ރައްކާތެރިކުރުމުގައި، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދ...

05 Jun 2021 | 06:53

ދިވެހިރާއްޖެއަކީ މާހައުލީ ނިޒާމު އިއާދަކޮށް ރައްކާތެރިކުރުމުގައި، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނު ފޮނުވި ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، ކޮންމެ ރައްޔިތަކުވެސް، ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމަށް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ދިރިއުޅުމާއި އިޤްތިސާދު ބިނާވެފައިވަނީ ޤުދުރަތީ މާހައުލުންނެވެ. އެ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ގާތްގަނޑަކަށް 50000 މީހުން ވަޒީފާ އަދާކުރާކަމަށާއި، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގައި 17000 އަށްވުރެ ގިނަ މީހުން މަސައްކަތްކުރާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤުދުރަތީ ވެށި ހިމާޔަތްކުރުމުގެ ގޮތުން، ރާއްޖޭގެ ފަރުތަކުގެ 13 އިންސައްތަ ހިމެނޭ ގޮތަށް، 73 ސަރަޙައްދެއް މިހާރު ހިމާޔަތްކޮށްފައިވާކަމަށާއި، އަދި، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު، ދިވެހިރާއްޖޭގެ 3 އަތޮޅަކަށް މިހާރު ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފާހަގަ ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް، ރާއްޖެއިން ޖައްވަށް ދޫކުރަނީ ކިތަންމެ މަދުން ކަމުގައި ވިޔަސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާ، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިފައިވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އ.ދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ "މާޙައުލީ ނިޒާމު އިޢާދަކުރުން" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް