ދިވެހިރާއްޖޭގައި ދެ ވަނައަށް އާބާދީ އެންމެ ބޮޑު އައްޑޫ ސީޓީގައި ކޮންސިއުލޭޓެއް ހުރެގެން އެ ތަން ތަރައްގީ ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
"ސޭވް އައްޑޫ" ކެމްޕޭނު ހަރަކާތުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވީ ކޮންސިއުލޭޓް އޮފީހަށް އަދި ގާއިމުކުރިޔަސް އިގްތިސާދީ، އުމްރާނީ އަދި އިޖުތިމާއީ ރޮގުން ވެސް ތަރައްގީއެއް ގެެނެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކޮންސިއުލޭޓެއް ހަދަން ސަރުކާރާއި، އައްޑޫގެ އާ ކައުންސިލުން ވަގުތު ނަގާލުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި ތަރައްގީ އަކީ ހަމަ ތިބެލާފައި ބުނެލާ އެއްޗަކުން ވާ ކަމެއް ނޫން ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.
އޭނާއަކީ އައްޑޫގެ ލޭ ހިންގާ އައްޑޫގެ ރައްޔިތެއްކަން ފާހަގަކުރައްމުން، އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ، ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވީ، ކޮންސިއުލޭޓެއް ހުރެގެން އައްޑޫ ތަރައްގީ ވާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ..
މީގެއިތުރުން އުގެއިލް ވަނީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އޭގެ ބަދަލުގައި ހުރިހާ ގައުމަކާއެކު ވެސް އެއްވަރަކަށް ގުޅުމެއް ބޭއްވުމަށް އިސްކަންދޭންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ގައުމުގައި އިމާރާތް ކުރެވޭ މުހިއްމު އިމާރާތްތައް ވެސް ދިވެހިންނަށް އޯނާޝިޕް ނެގޭ ގޮތަށް ކަންތައް ކުރަންޖެހޭ ކަމަށް އުގެއިލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް