ޝައުނާ ވިދާޅުވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުމާއި ތަރައްޤީ އެއް ހަމަކުރުން

ދިވެހި ސަރުކާރުގެ އަމާޒަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްޤީ ރާއްޖެއަށް ގެނައުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖ...

05 Jun 2021 | 05:56

ދިވެހި ސަރުކާރުގެ އަމާޒަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްޤީ ރާއްޖެއަށް ގެނައުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންއަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި އެކަމަނާ ދެއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ޝައުނާ ވިދާޅުވީ، މިދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީގެ ތިލަފަތް ހަމަކުރުން މުހިއްމު ދަނޑިވަޅެއްކަމަށެވެ.

ޚިޠާބުގައި އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ކަނޑުފަޅު ތަޣައްޔަރުވުންކަމަށެވެ. މިކަމުގެ ސަބަބުން ފަރުތަކަށާއި، އެ ފަރުތަކުގައިވާ ދިރުންތަކަށް، އަދި މަސްވެރިކަމަށާއި، ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވައެވެ. މިކަމުން އަރައިގަތުމަށް، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ރައްކާތެރިކަމުގެ ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންވާކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

މިގޮތުން އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މި މަހުން ފެށިހެން ހުއްޓާލުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ކުނި މެނޭޖްކުރުމާއި ގުޅޭ ގަވާޢިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ ޝައުނާ ވަނީ މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހައްދުންމައްޗާއި، އަރިއަތޮޅާއި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރަމުން އަންނަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް