"އޭސީސީއޭ މެމްބަރސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އަމާމް)"ގެ ނަމުގައި، ދިވެހިރާއްޖޭގައި ތިބި އޭސީސީއޭ މެމްބަރުންގެ ޖަމްޢިއްޔާއެއް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި 7 ޖަނަވަރީ 2018 ގައި ވަނީ ރަޖިސްޓަރީ ކުރުން ވެގެންދިޔައީ ދިވެހި ޗާޓާޑް އެކައުންޓެންޓުންނަށް ދިރުން ގެނުވި ކަމަކަށެވެ.
އޭސީސީއޭ ނުވަތަ "އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް" އަކީ ޕްރޮފެޝަނަލް އެކައުންޓަންޓުންގެ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމްޢިއްޔާއެވެ.
އަމާމްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ އޭސީސީއޭ މެންބަރުންނަށާއި ދަރިވަރުންނަށް ތަމްރީނު ދިނުމާއި، ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓަންޓުން އުފެއްދުމަށް ހިތްވަރު ދިނުމާއި، ހަރުދަނާކަމާއެކު އެކައުންޓަންސީ ޕްރޮފެޝަން ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ބުކްކީޕިންގ، އެކައުންޓިންގ، ފައިނޭންސް، ޓެކްސް، އޮޑިޓް، ކޮންސަލްޓަންސީ، ގަވަރނަންސް ފަދަ ދާއިރާތަކާ ގުޅުންހުރި ކަންކަމުގައި އެކި ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަދި ރާއްޖޭގެ އެކައުންޓަންސީ އަދި އޮޑިޓް ދާއިރާ ވިލަރެސްކޮށް ހިންގުމުގެ ޤާނޫނީ ބާރު ލިބިދޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ދާއިރާތަކާ ގުޅޭގޮތުން ދިރާސާކުރުން ވެސް އަމާމްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. ރާއްޖޭގައި ތިބި އޭސީސީއޭ މެންބަރުންނަށާއި ދަރިވަރުންނަށް ބޭނުންވާ ތަމްރީނާއި ފެންވަރު މަތިކުރުމާއި ދެމެހެއްޓުމުގެ ގިނަ ޕްރޮގްރާމްތަކެއް އަމާމްގެ ފަރާތުން ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އަމާމް ރަޖިސްޓަރީކޮށްފައިވަނީ 111 (ސަތޭކަ އެގާރަ) މުއައްސިސުން (ފައުންޑަރ މެންބަރުން) ނާ އެކުގައެވެ. އެހެންކަމުން މިއީ ރާއްޖޭގައި މިހާތަނަށް ރަޖިސްޓަރީކުރެވުނު، އެކައުންޓަންސީ ދާއިރާއަށް ނިސްބަތްވާ އެންމެ ބޮޑު ޖަމްޢިއްޔާ ވެސް މެއެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ އޭސީސީއޭ އުފެދުނީ 1904 ވަނަ އަހަރެވެ. އޭސީސީއޭގައި މިހާރު 2 ލައްކައަށްވުރެ ގިނަ މެންބަރުންނާއި 486,000 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. އެކައުންޓަންސީ އަދި އޮޑިޓް ދާއިރާ ޚިޔާރުކުރާ ދިވެހިންގެ މެދުގައި ވެސް އެންމެ މަޤްބޫލު ފާހަކީ އޭސީސީއޭގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް