ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ގުރޫޕް އޭގައި ދިވެހިރާއްޖެ އާއި ސީރިޔާ ބައްދަލުކުރި މެޗުން ސީރިޔާ މޮޅުވެއްޖެއެވެ.
މި މޮޅާއެކު، 8 ޕޮއިންޓުގެ ކުރި އެރުމެއް ސީރިޔާ އަށް ވަނީ ލިބިފައެވެ.
ތާވަލްގެ އެއްވަނައިގައި އޮތް ސީރިއާ އިން މެޗް ކާމިޔާބުކޮށްފައިވަނި 4 ލަނޑު 0 ލަނޑުންނެވެ.
މި މެޗުގެ ކުރީކޮޅު ވެސް މޮޅު ކުޅުމެއް ގެންގުޅުނު ސީރިޔާއިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްފައެވެ. އަދި ދިވެހިރާއްޖެއާ ދެކޮޅަށް ހޫނު ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ގިނަ ވަގުތު ދިވެހިރާއްޖޭގެ ހާފް ތެރޭގައި ބޯޅަ އޮތްއިރު، ސިރިޔާއިން ފޮނުވާލި 4 ހަމަލާއެއް ފިޔަވައި ހުރިހާ ހަމަލާއެއް ހުނަރުވެރި ދިވެހި ކޯލްކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. އަދި ސީރިޔާއިން އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ހަމަލާތައް ވަނީ ގައުމީ ޓީމްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ސީރިޔާއިންނެވެ. މިލަނޑު އެޓީމަށް މެޗްގެ 28ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފޯވާޑް މަހުމޫދު އަލްމަވާސްއެވެ. މެޗްގެ ދެވަނަ ލަނޑު ސިރިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމައަށް ލިބުނު ޕެނަލްޓީއަކުން އައިހަސް އޮސްމަންއެވެ. މިއީ މެޗްގެ 33ވަނަ މިނެޓްގައި ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ސިރިޔާގެ ކުޅުންތެރިއަކަށް ޕެނަލްޓީ އޭރިޔާގެ ތެރެއިން ކުރި ފައުލްއަކާއި ގުޅިގެން ރެފްރީދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފްގެ އިތުރުވަގުތު ކޮޅުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަމޫހު ޢަލީ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވެސް ރެފްރީ ވަނީ ސީރިޔާއަށް ޕެނަލްޓީއެއް ދީފައެވެ. ޕެނަލްޓީއާއެކު އެ ޓީމުގެ 3 ވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަލްމަވާސްއެވެ.
ދެވަނަ ހާފު ފެށި، މެޗުގެ 4 ވަނަ ލަނޑު ސީރިޔާއަށް ކާމިޔާބުކޮށްދިނީ ފޯވާޑް މަހުމޫދު އަލްމަވާސްއެވެ. މިލަނޑާއެކު އޭނާވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ ރާއްޖޭގެ ޑިފެންޑަރު ސާއިފް ޢަލީ ސީރިޔާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ މިމެޗްގައި ސީރިޔާއަށް ލިބުނު 3ވަނަ ޕެނަލްޓީއެވެ.
ސީރިޔާ އަތުން ބަލިވިއރު، ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ ދެން ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް