އިސްރާއީލުގެ އާ ބޮޑުވަޒީރާއިއެކު އާ ސަރުކާރުން ފަލަސްޠީނު މައްސަލައިގައި ތަފާތެއް ދައްކަފާނެތަ؟

ދުނިޔޭގައި މުސްލިމުން ދިރިއުޅެމުން އަންނަ އެކި ހިސާބުތަކުން ސިޙްޔޫނީ އިސްރާއީލުގެ ބޮޑުވަޒީރު ކަމުން ބެންޖެމިން ނަތަންޔާހޫ ދުރު ކުރަން އެ ޤައުމުން ނިންމުމާއި ގުޅިގެން އަންނަނީ އުފާ ފާޅު ކުރަމުންނެވެ. ނ...

05 Jun 2021 | 04:31

ދުނިޔޭގައި މުސްލިމުން ދިރިއުޅެމުން އަންނަ އެކި ހިސާބުތަކުން ސިޙްޔޫނީ އިސްރާއީލުގެ ބޮޑުވަޒީރު ކަމުން ބެންޖެމިން ނަތަންޔާހޫ ދުރު ކުރަން އެ ޤައުމުން ނިންމުމާއި ގުޅިގެން އަންނަނީ އުފާ ފާޅު ކުރަމުންނެވެ.

ނަތަންޔާހޫގެ މަޤާމް ދެން ފުރާނީ ނަފްޓާލީ ބެނެޓެވެ.ނަމަވެސް، ފަލަސްޠީނުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި، މި ބަދަލާއިއެކުވެސް އިސްރާއީލުން ފަލަސްޠީނާއި މެދު ގެންގުޅޭ ހަރުކަށި ގޮތްގަނޑު ބަދަލެއް ނުވާނެއެވެ.

އިސްރާއީލުން އަތްގަދަ ކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅެމުންދާ ގިނަ ފަލަސްޠީނު ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި، އިސްރާއީލުގެ ސަރުކާރުގެ ވެރިންނަށް އަންނަ ބަދަލަކާއިއެކު، އިސްރާއީލުގެ ސިޔާސަތު ބަދަލުވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ޚާއްސަކޮށް، ފަލަސްޠީނުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ނަތަންޔާހޫގެ ބަދަލުގައި މިހާރު ހުރި ނަފްޓާލީވެސް މަސައްކަތް ކުރާނީ ކަނާތު ފިޔައިގެ ސިޙްޔޫނީ އޭޖެންޑާތައް ތަންފީޒު ކުރުމަށެވެ.

އިސްރާއީލުގައި އުފެދިފައިވާ ކޯލިޝަންގެ ދަށުން، އުމުރުން  49 އަހަރުގެ ބެނެޓު އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމަށް ގެންނަން މިހާރު ހަމަޖެހިފައި ވާއިރު، އޭނާއަކީ ކުރީގައި ނަތަންޔާހޫއަށް ވަރަށް ބޮޑަށް ވާގިވެރިވި ސިޔާސީއެއްކަން ފާހަގަ ކޮށްލެވެއެވެ.އަދި މީގެ އިތުރުން، ހުޅަނގު އައްސޭރީގައި އިސްރާއީލުން މީހުން ވަޒަންވެރި ކުރުމަށް އުފައްދާފައިވާ ވެސްޓް ބޭންކު ސެޓްލަރ ޖަމިއްޔާގެ ވެރިއެއްގެ ގޮތުގައިވެސް ބެނެޓު ވަނީ މަސައްކަތް ކޮށްފައެވެ.

އިދިކޮޅު ޕާޓީގެ ލީޑަރު ޔައިރު ލެޕިޑް އައު ސަރުކާރެއް އެކުލަވާލުމަށް އެއްބަސް ވުމަކާއި ހަމައަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.އިދިކޮޅުން އުފެއްދި މި ކޯލިޝަން ސަރުކާރުގެ ސަބަބުން، ނަތަންޔާހޫގެ 12 އަހަރު ދުވަހުގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.އިދިކޮޅުން މި ކޯލިޝަން އުފެއްދީވެސް މި ބޭނުމުގައެވެ.

އިސްރާއީލު ސަރުކާރުގެ މި ބަދަލާއިއެކު، ފަލަސްޠީނު މިނިވަން ކުރުމަށް މަސައްކަތް ކުރާ، ޕެލެސްޓައިން ލިބަރޭޝަން އޯގަނައިޒޭށަންގެ މަންދޫބެެއް ކަމަށްވާ ބައްސާމް އަލް ސަލްހީ ވިދާޅުވީ، މިހާރު ބޮޑުވަޒީރުގެ މަޤާމާއި ހަވާލުވާން ތައްޔާރު ވެފައިވާ ފަފްޓާލީއާއި ނަތަންޔާހޫ އާއި ދެމެދުގައި ފަރަޤެއް ނުވާ ކަމަށާއި، ދެ މީހުންނަކީވެސް ހައްދުފަހަނާ އަޅާފައިވާ ވެރިން ކަމަށެވެ.މީގެ އިތުރުން، ނަފްޓާލީ ގެ ހައްދުފަހާނާއަޅާފައިވާ ސިޙްޔޫނީ ވިސްނުމާއި އެއްކޮޅަށް ވަކާލާތު ކުރަން އޭނާ ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ ބައްސާމް ވަނީ އަލްޖަޒީރާއާއި ޚިޔާލު ހިއްސާ ކުރައްވާފައެވެ.

ބެނެޓަކީ އިސްރާއީލުން ހުޅަނގު އައްސޭރިއަށް އަތްގަދަ ކޮށް، އެ ސަރަޙައްދުގެ ބިންތައް ފޭރި ގަތުމަށް ތާއީދު ކުރާ މީހެކެވެ. އެގޮތުން، ހުޅަނގު އައްސޭރި އިސްރާއީލުގެ ދަށަށް ގެންދިއުމަށް ބެނެޓް އަންނަނީ ތަކުރާރުކޮށް ވަކާލާތު ކުރަމުންނެވެ.އިސްރާއީލުން ހުޅަނގު އައްސޭރީގެ ބައިތައް ހިސާރު ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައެވެ. އަދި އޭގެ ފަހުން، އެ ސަރަޙައްދުތަކުން އިސްރާއީލުން ފައިބާފައެއް ނުވެއެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގައި، ފަލަސްޠީނު ރައްޔިތުންނަށް ލުއިތަކެއް ދިނުމާއި ގުޅޭ ގޮތުންވެސް ބެނެޓް އަންނަނީ ވާހަކަ ދައްކާ މަޝްވަރާ ކުރަމުންކަން ފާހަގަ ކޮށްލެެވެއެވެ.އެގޮތުން ބެެނެޓު ބުނަނީ، އޭނާގެ ވިސްނުން ހުރީ، ދެ ޤައުމުގެ ދޭތެރޭގައި އެފެދިފައިވާ ހަމަނުޖެހުންތައް އެއްކޮށް ހުއްޓުވުމަށް ނޫން ކަމަށާއި، މި ހަމަނުޖެހުންތައް ވީހާވެސް ކުޑަ ކުރަން ކަމަށެެވެ.އަދި އިސްރާއީލުން ކޮށްދެވޭ މިންވަރަކަށް، ފަލަސްޠީނު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ވިޔަފާރި ކުރުމަށް ތަނަވަސްކޮށް ދިނުމުގެ އިތުރުން މިފަދަ ބައެއް ކަންކަން ފަލަސްޠީނުގެ ރައްރިތުންނަށް ފޯރު ކޮށްދޭނެ ކަމަށްވެސް ބެނެޓް ބުނެފައި ވެއެވެ.

އިސްރާއީލުގެ ސަރުކާރަށް އަންނަ ބަދަލާއި ގުޅޭ ގޮތުން ހަމާސްއިން ބުނީ، އިސްރާއީލުގެ ވެރިކަން ކުރަނީ ކާކުތޯ ބަލަން ބޭނުން ނުވާ ކަމަށެެވެ. އެގޮތުން، ހަމާސް ގެ ތަރުޖަމާނު ހަޒެމް ޤާސިމް ވިދާޅުވީ،ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ ޑަޒަނަކަށް ވުރެ ގިނަ އައު ސަރުކާތުތައް ދެކެފައިވާ ކަމަށާއި، މީގެ ތެރޭގައި ކަނާތު ފިޔައިގެ ސަރުކާރާއި، ވައަތު ފިޔައިގެ ސަރުކާތުތަކުގެ އިތުރުން ސެންޓްރިސްޓް ސަރުކާރުތައް ހިމެނުނު ނަމަވެސް، ހުރިހާ ސަރުކާރަކުންވެސް ވަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ފޭރިގަނެފައި ކަމަށެވެ.އަދި ފަލަސްޠީނު ރައްޔިތުންނާއި މެދު އަދާވާތްތެރިވެފައި ކަމަށެެވެ.

އަލްޖަޒީރާއަށް ބަސްދީގަތުމެއް ދެއްވާ ޕަލެސްޓީނިއަން ނޭޝަނަލިސްޓު ޕާޓީގެ ލީޑަރު ސާމީ އަބޫ ޝަހާދާ ވިދާޅުވީ، އިރުމަތީ ޤުދުސްގައި އިސްރާއީލުން ހިންގަމުން ދިޔަ ޖަރީމާތަކަކީ، ނަތަންޔާހޫގެ އަމިއްލަ "ޝަޚްސިއްޔަތު" ނޫން ކަމަށާއި، އެ ޖަރީމާތައް ރަމްޒު ކޮށްދެނީ އިސްރާއީލުގެ މަސްލަހަތު ހިމެނޭ ޕޮލިސީތައް ކަމަށެވެ.އެހެން ކަމުން، މި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެ މުހިންމީ އިސްރާއީލުގެ ޕޮލިސީތައް ރަނގަޅު މިސްރާބަކަށް ބަދަލު ކުރުން ކަމަށާއި، އިސްރާއީލުން މިގޮތަށް އަމަލު ނުކުރާނަމަ، ނަތަންޔާހޫއަށް ފަހުގައިވެސް ހާލަތު ވަަރަށް ގޯސްވާނެ ކަމަށްވެސް ސާމީ ވިދާޅުވިއެވެ.އަދި އިސްރާއީލުގެ ސަރުކާރާއި ދެކޮޅު ހަދަން ޖެހޭ މައިގަނޑު ސަބަބަކީ މިއީކަންވެސް ސާމީ ފާހަގަ ކުރެއްވިއެވެ.

ފަލަސްޠީނުގެ ގިނަ ރައްޔިތުންގެ ވިސްނުންވެސް ހުރީ ހަމަ މިފަދަ ގޮތަކަށެެވެ. އިސްރާއީލުގެ ވެރިން ބަދަލުވި ނަމަވެސް، ފަލަސްޠީނާއި މެދު ކަންކުރާނީ އެއްގޮތަކަށް ކަމަށް ފަލަސްޠީނުގެ ރައްޔިތުން ދެކެއެވެ.އެގޮތުން، ސަރުކާރު މުވައްޒަފެއް ކަމަށްވާ އުުމުރުން 29 އަހަރުގެ އަޙްމަދު ރަޒިކް ރޮއިޓާރޒްއަށް ބުނެފައި ވަނީ ލީޑަރުން ބަދަލުވި ނަމަވެސް އިސްރާއީލުން ތަފާތެއް ނުފެންނާނެ ކަމަށާއި، އެ ބަޔަކު ރަނގަޅުވިޔަސް އަދި ގޯސްވިޔަސް ވާނީ އިސްރާއީލަށް ކަމުގައެވެ. އަދި ފަލަސްޠީނު ރައްޔިތުންނާއި ހަމައަށް އަންނަ އިރު، އިސްރާއީލުގެ ކޮންމެ ވެރިޔަކުވެސް ކަންކުރަމުން އައީވެސް، އަދި އަންނާނީވެސް ގޯސްކޮށް ކަމަށްވެސް އަޙްމަދު ބުނެފައި ވެއެވެ.

އިސްރާއީލުގެ ކޯލިޝަން ސަރުކާރުން އެެއްބަސް ވުމަކާއި ހަމައަށް މާރިޗު މަހު އައިސްފައިވާއިރު، މި އިންތިޚާބުގައި ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް ވަނީ މެޖޯރިޓީ ނާކާމިޔާބު ވެފައެވެ.މިއީ ފާއިތުވެ ދިޔަ 2 އަހަރުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި 4 ވަނަ ޤައުމީ އިންތިޚާބެވެ.މިހާރުގެ ސަރުކާރުގައި، އިސްރާއީލުގެ މެދު ސައިޒުތަކުގެ ޕާޓީތައްވެސް ގިނައެވެ. އޭގެ ތެރޭގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ޔުނައިޓެޑް ޢަރަބް ލިސްޓުވެސް ހިމެެނެއެވެ. އެހެން ކަމުން މިފަހަރު ވެގެންދާނީ މި ޕާޓީ އިސްރާއީލުގެ ސަރުކާރެއް ތަމްސީލް ކުރާ ފުރަތަމަ ފަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް