ވަގުތުން އެޓެންޑު ވެވުނު ނަމަ 10 މިނެޓުން ވާން އޮތް ކަމެއްގައި ދެ ގަޑިއިރާއި 26 މިނެޓުގެ އިހުމާލު !

ކޮވިޑު މެނޭޖް ކުރުމުގައި ރާއްޖޭގައި ފެއިލްވެފައިވާ ސިއްހީ ނިޒާމުގެ ހާލަތުގެ ސަބަބުން ނިޔާވި އުމުރުން 11 އަހަރުގެ ފާތިމަތު މިޝްކާގެ މަރާއި ގުޅިގެން ހެދިފައިވާ އިހުމާލުގެ ރިވިއު ހެލްތު މިނިސްޓްރީން މިވަ...

05 Jun 2021 | 02:07

ކޮވިޑު މެނޭޖް ކުރުމުގައި ރާއްޖޭގައި ފެއިލްވެފައިވާ ސިއްހީ ނިޒާމުގެ ހާލަތުގެ ސަބަބުން ނިޔާވި އުމުރުން 11 އަހަރުގެ ފާތިމަތު މިޝްކާގެ މަރާއި ގުޅިގެން ހެދިފައިވާ އިހުމާލުގެ ރިވިއު ހެލްތު މިނިސްޓްރީން މިވަނީ އާންމުކޮށްފައެވެ.

މި ރިވިއުއަށް ބަލާލާއިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ 10 މިނެޓުން ވާން އޮތްކަމެއްގައި ދެ ގަޑިއިރާއި 26 މިނެޓުގެ އިހުމާލެއް ވާކަމެވެ.

ރިވިއުގެ ޓައިމްލައިންގައި ބުނެފައިވާގޮތުގައި 21:06ގައި ކުއްޖާގެ ހާލަތު ގޯސްވުމާއި ގުޅިގެން ކޯލް ސެންޓަރަށް ބެލެނިވެރިޔާ ގުޅިއެވެ.

"ކުއްޖާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތް ތަޅުވާހަދާކަމަށްބުނެ، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައިވޭ" 21:06ގެ ފޯނު ކޯލުގައި މިޝްކާގެ ބެލެނިވެރިޔާ ބުނެފައިވާކަމަށް ރިވިއުގައި ބުނެފައިވެއެވެ.

21:06 ގެ ފަހުން އިތުު ފަސް ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިޔާ ގުޅާފައިވާއިރު މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމާއި، ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަންނަކަމަށް ބުނެފައިވާކަމަށް ރިވިއުގައި ބުނެފައިވެއެވެ.

އަދި އެމްބިއުލާންސް ދިއުން ލަސސްވެގެން 23:27ގައި ބެލެނިވެރިޔާގެ ފަރާތުން މީހަކު އެޗްއީއޯސީ ހިންގަމުން އަންނަ ދަރުބާރުގެއަށް ގޮސް އެކަން އަންގާފައިވާކަމަށްެވެސް ރިވިއުގައި ބުނެފައިވެއެވެ.

ނަމަވެސް އެމްބިއުލާންސް ފޮނުވަނީކަމަށްބުނެ ކޮންމެފަހަރަކުވެސް ދިމާއަށް ދޮގުހަދައި 21:06 އިން 23:32 އާއި ހަމައަށް އެމްބިއުލާންސް އެކްޓިވޭޓް ކޮށްފައެއް ނުވެއެވެ.

އެމްބިއުލާންސް ރޭގަނޑު 11:32ގައި އެކްޓިވޭޓް ކުރުމާއެކު އެންމެ ހަ މިނެޓުގެ ތެރޭގައި އެ ގެއާއި ހަމައަށް އެމްބިއުލާންސް ގޮސްފައިިވެއެވެ. އަދި ރޭގަނޑު 11:38ގައި މިޝްކާ ގޮވައިގެން އެ ގެއިން ނައްޓާލި އެމްބިއުލާންސް ރޭގަނޑު 11:42ގައި ހޮސްޕިޓަލާއި ހަމައަށް ގޮސްފައިވާއިރު އެކަމަށް ހޭދަ އެވީ ހަމަ އެންމެ ހަތަރު މިނެޓެވެ. މުޅި ޕްރޮސެސް އަށް ބެލި ކަމުގައިިވިޔަސް އެ ހޭދަވީ ހަމަ އެންމެ 10 މިނެޓެވެ.

ހަމަ އެންމެ 10 މިނެޓުން ވާން އޮތް ކަމެއްގައި ދެ ގަޑިއިރާއި 26 މިނެޓުގެ އިހުމާލެއް ވެފައިވާއިރު އެންމެ ފުރަތަމަ ކޯލާއެކު އެކްޝަން ނެގި 10 މިނެޓުގެ ތެރޭގައި ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދޭން ފެށިނަމަ މިޝްކާ އަޅުގަނޑުމެންނާ ވަކި ނުވުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. އެއީ ކޮވިޑުގެ އެމަޖެންސީ ހާލަތްތަކުގައި ދޭންވާ ފުރިހަމަ ފަރުވާ އަވަހަށް ދެވިއްޖެނަމަ އެތައް ފުރާނައެއް ސަލާމަތްވާކަން ބުނެދެނީވެސް ކޮންމެ ރެއަކު ޕްރެސްތަކަށް އަރާ ދިވެހި ޑަކުޓަރުންނެވެ.

ކޮވިޑަކީ ކިހާ ނުރައްކާތެރި ވަބާއެއްކަން ބުނެދެމުން އަންނަ ހިދުމަތްތެރިންގެ ފަރާތުން މިވަރުގެ ބޮޑު އިހުމާލެއް ވެގެން ދިއުން މިއީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެއެވެ. ނިޒާމު އިތުރަށް ހަރުދަނާކޮށް މިކަހަލަ އިތުރު ހާދިސާއެއް ނުހިގާނޭހެން ކަންކަން ބައްޓަން ކުރަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް