މިޝްކާ މަރުގެ ރިޕޯޓު: އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ ދެ ގަޑިއިރު ވަންދެން ދޮގު މައުލޫމާތު ދީފަވޭ

ކޯވިޑް-19 ޖެހިގެން ހޯމް ކަރަންޓީންގައި ހުއްޓަ ހާލު ސީރިއަސްވެގެން ފާތިމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެޗްޕީއޭގެ ކޯލްް ސެންޓަރަށް ގުޅައި އެދުމުން އެމްބިއުލާންްސް ފޮނުވި ކަމަށް ...

04 Jun 2021 | 21:55

ކޯވިޑް-19 ޖެހިގެން ހޯމް ކަރަންޓީންގައި ހުއްޓަ ހާލު ސީރިއަސްވެގެން ފާތިމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެޗްޕީއޭގެ ކޯލްް ސެންޓަރަށް ގުޅައި އެދުމުން އެމްބިއުލާންްސް ފޮނުވި ކަމަށް ބުނެ އާއިލާއަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ހެލްތު މިނިސްޓްރީން މިޝްކާގެ މަރު ތަހުގީގުކޮށް ނެރުނު ރިޕޯޓުން ހާމަވެއްޖެ އެވެ.

މިޝްކާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އެކަމަކު ގެންދިޔަ އިރުވެސް އޭނާގެ ހަރަކާތް ހުއްޓި ހާޓް އެޓޭކެއް ޖެހިފައިވެ އެވެ.

މި މައްސަލައިގަ ސިއްހީ ދާއިރާގެ އިހުމާލު އޮތް ވަރު ބަލައި ފިޔަވަޅު އެޅުމަށް ހެލްތް މިނިސްޓްރީންް އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ މިޝްކާގެ އާއިލާގެ ފަރާތުން އެ ކުއްޖާގެ ހާލު ސީރިއަސްވެގެން އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި ކޯލް ސެންޓަރަށް ގުޅާފައިވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހުގެ ރޭ9:06 ގައި ކަމަށެވެ. އެކަމަކު އެމްބިއުލާންސް ފޮނުވާފައިވަނީ އެރޭ11:38 ގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ ކޯލަށް ޖަވާބުދީ އެމްބިއުލާންސް ފޮނުވާ ކަމަށް ބުނެ ދެ ގަޑިއިރާ 26 މިނެޓު ވަންދެން ދީފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ. އަދި އެ ވަގުތުގެ ތެރޭގައި އާއިލާއިން އެމްބިއުލާންސް ނައިސްގެން ދަރުބާރުގެއަށްވެސް ދިޔަ ކަމަށާއި ކުއްޖާގެ ހާލު ދެރަވެގެން15 ވަރަކަށް މިނެޓުތެރޭގައި ފަސް ފަހަރު އާއިލާއިން ގުޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެމްބިއުލާންސް ފޮނުވުމުން ކުރިޔަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ އެ ރޭ 10:39 ގައި ޑޮކްޓަރު ވަނީ މިޝްކާގެ ހާލަތާއި ގުޅޭ މައުލޫމާތު ފޮނުވަންޖެހޭ "ސީމެޓް" އަށް ފޮނުވައި އަދި އެމްބިއުލާންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓާ ކަމަށްވާ ޑީއެމްއާރްޓީ އަދި ސީމެޓަށް ވެސް ފޮނުވައިފަ އެވެ. އެކަމަކު އެމްބިއުލާންސް ދާން އަންގައިފައެެއް ނުވެ އެވެ.

މިޝްކާއަށް ފަރުވާ ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެކަން ތަހުގީގުކޮށް މިނިސްޓްރީން އާންމު ކުރި ރިޕޯޓުން އެނގެ އެވެ. އެގޮތުން އެންމެ ފުރަތަމަ މިޝްކާގެ ހާލަތު ގޯސްވާކަން އެޗްޕީއޭއަށް އެންގީ މިދިޔަ މަހުގެ31 ވަނަ ދުވަހުގެ މެންދުރު2:20 ގައި ކަން އެނގެ އެވެ.

އަދި އެ ކުއްޖާ ކޯވިޑަށް ޕޮސިޓިވް ކަމަށް އައިލާއަށް އެންގުމުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ކޮންޓެކްޓް ޓްރޭސިން ޓީމަށް އެންގުން އެކަން މައުލޫމާތު ޝީޓުގައި ރެކޯޑްކޮށްފައި ވިޔަސް އެ މައުލޫމާތު، އޮންނަ އުސޫލުން ސިސްޓަމަށް އަޅާފައި ނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި 15 އަހަރުން ދަށުގެ ކުދިންނަށް ކޮންމެ ދުވަހަކު ގުޅައި ހާލު ބަަލަން އޮންނަ އުސޫލުން އެކަން ވެސް ފުރިހަމަކޮށްފައި ނުވާ ކަމަށް ރިވިއުގައިވެ އެވެ.

މިޝްކާ ޕޮސިޓިވްްވުމުން އެ ކޭސް އާއި މެދު އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު ފުރަތަމަ ބަލިވެ ހާލަތު ގޯސްވާ ކަމަށް އެންގުމުން ކޯލް ސެންޓަރުން ސިސްޓަމަށް އަޅައި ޓިކެޓް ރެއިޒްކުރުމުން ޑޮކްޓަރެއް ގުޅައި، އެ ވަގުތު ގޭގައި ދެމުން ގެންދިޔަ ބޭސް ކުރިއަށް ގެންދިއުމަށް ވަނީ ލަފާ ދީފަ އެވެ. އަނެއްކާވެސް ހާލު އިތުރަށް ގޯސްވެގެން، 9:06 ގައި ކޯލް ސެންޓަރަށް ގުޅައި މިޝްކާއަށް ނޭވާލާން އުނދަގޫވެގެން އަތް ތަޅުވާހަދާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ.

އަދި ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އާއިލާ އިން ދިން މި މައުލޫމާތާ ގުޅިގެން ހަމަ އެ ރޭ 9:53 ގައި ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާ އަށް ގުޅި ކަމަށާއި އެކަމަކު ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށް ރެކޯޑްކޮށްފައިވެ އެވެ. އެ ކޯލް މިސްވުމުން ބެލެނިވެރިޔާ 10:06 ގައި އަލުން ކޯލް ސެންޓަރަށް ގުޅުމުން ޑޮކްޓަރަކު އަލުން ގުޅައި ކުއްޖާގެ ހާލަތު އޮޅުންފިލުވި އެވެ.

ކަން ހިނގާދިޔަ ގޮތަށް ބަލައި ހެލްތް މިނިސްޓްރީގެ ރިވިއުގައި ބުނެފައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައެއް ނެތް ކަމަށެވެ. މިހެން ދިމާވުމުން، އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ 2 ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ.

މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ވަނީ ފާހަގަވެފަ އެވެ.

އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަށް މައުލޫމާތު ލިބުމާ އެކު ވަގުތުން އެމްބިއުލާންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ވަނީ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތް ބަދަލުކުރަން ނިންމައި އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާ މެދު އަމަލުކުރާ ގޮތް މޮނިޓަކުރަމުން ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އިމަޖެންސީ ކޭސްތަކުގެ މައުލޫމާތު ކަމާބެހޭ ކްލަސްޓާ އަށް ވަގުތުން ލިބޭނެ ގޮތް ހަދައި އަދި އެ ކަންކަމަށް ޑޮކްޓަރުން ވަގުތުން އެޓެންޑްވާކަން ކަށަވަރުކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް