ނިހާނު އިންޑިއާއިން ފޮނުވާލި ސަބަބު އޭނާއަށްވެސް ނޭނގެ!

އަމިއްލަ ދަތުރެއްގައި އިއްޔެ އިންޑިއާގެ ޗެންނާއީއަށް ވަޑައިގެންނެވުމުން އެގައުމަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދޭތެރޭ އެގޮ...

05 Jun 2018 | 18:33

އަމިއްލަ ދަތުރެއްގައި އިއްޔެ އިންޑިއާގެ ޗެންނާއީއަށް ވަޑައިގެންނެވުމުން އެގައުމަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދޭތެރޭ އެގޮތަށް އަމަލު ކުރީ ކީއްވެކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާނު ވިދާޅުވީ އޭނާ އިއްޔެ ހަވީރު ޗެންނާއީއަށް ވަޑައިގެންނެވީ ސައިނަސްއަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ. އެ ދަތުރުގައި އޭނާ އާއި އެކު ބައިވެރިވި އެހެން މީހުންނަށް އިންޑިއާއަށް ވަނުމުގެ ހުއްދަ ލިބުނު އިރު ހަތަރު ގަޑި އިރު އެއާޕޯޓުގައި ބޭންދުމަށް ފަހު ނިހާނު ވަނީ ރޭ ދަންވަރު ފްލައިޓަކުން ފޮނުވާލާފައި އެވެ. ނިހާން ރާއްޖެ ވަޑައިގެންނެވީ ސްރީލަންކާ މަގުން މިއަދު ހެނދުނު އެވެ.

ނިހާން ވިދާޅުވީ އިންޑިއާގެ މި އަމަލަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށެވެ. ނިހާން ވިދާޅުވީ އޭނާ އަނބުރާ ފޮނުވާލުމަކީ ރާއްޖޭގެ ސަރުކާރާ ދޭތެރޭ އިންޑިއާ ހިތްހަމަ ނުޖެހިގެން ކުރި ކަމެއް ނަމަ އެކަން ސާފުކޮށް ބުނެދިނުމުގެ ގާބިލްކަން އިންޑިއާގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިއީ ދެގައުމުގެ ގުޅުން ހީނަރުވުމުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުން ޑީޕްލޮމެޓިކް ޕާސްޕޯޓު ލިބުނު ގޮތާއި ބެހޭގޮތުން ސުވާލު ކުރުމުން މަޖިލީސް ކާޑުވެސް ދިން ކަމަށެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް މަޑުކޮށްލަން ބުނުމަށް ފަހު އެ އޮފިސަރު ދަނީ ކަމަށާއި ނިހާން އާއި އިތުރު ސުވާލު ނުކުރާ ކަމަށެވެ.

ނިހާން ވިދާޅުވީ އިންޑިއާއިން މި ކުރީ ކޮން ޒާތެއްގެ ކަމެއް ކަމެއް ނޭނގޭ ކަމަށާއި ޑީޕޯޓު ކުރީ ކަން ނާންގާ ކަމަށެވެ. އަދި އެފަދަ ލިޔުމެއްގައި ސޮއި ވެސް ނުކުރުވާ ކަމަށެވެ.

އިތުރު ގައުމަކުން އެފަދަ ފިޔަވަޅެއް އަޅާފާނެކަމަށް ގަބޫލު ކުރަންތޯ ސުވާލުކުރުމުން ނިހާން ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅާ ނަމަ ދުރާލައި އެނގޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް