މާލޭ މަގުމައްޗަށް ކުނި އެޅުން ކޮންޓްރޯލް ކުރުމަށް މަގުތަކުގައި 900 ޑަސްބިން ބަހައްޓަން އެންވަޔަރަމަންޓު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ މަގުމަތީގައި ޑަސްބިން ނުހުންނާތީ އާންމުންގެ ޝަކުވާ އަބަދުވެސް ލިބޭތީ ކަމަށެވެ. މިއަދު ފާހަގަ ކުރަމުންދާ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ރަސްމީކޮށް ވަނީ ޑަސްބިން ބެހެއްޓުމުގެ ޕްރޮގްރާމް ފަށާފައި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމާއި، މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ތައާރަފްކުރި މަޝްރޫއުއެއް ކަމަށެވެ.
އެންމެ ފުރަތަމަ ޑަސްބިން ބަހައްޓާފައި ވަނީ ޗާނދަނީ މަގުގަ އެވެ. އެ މަގުގައި، ދެ ޑަސްބިން ހިމެނޭ އަށް ސްޓޭޝަނެއް ގާއިމްކޮށްފައިވެ އެވެ. އެއީ ޕްލާސްޓިކާއި އާއްމު ކުނި އެޅުމަށް ވަކި ދެ ޑަސްބިނެވެ. ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑިއެއް ހަރުކުރެވި އެހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މި ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭ މަގުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ޑަސްބިންތައް ބަހައްޓާ އެއްކޮށް ނިމޭނީ ދެތިން މަހެއްގެ ތެރޭގައި އެވެ. އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި ކުދި ޑަސްބިން ތަކަށް އަޅާ ކުންޏާއި އެ ޑަސްބިންތައް ބަލަހައްޓާނީ ވެމްކޯއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް