އިންޑިއާއިން ދިން ދެ ހެލިކޮޕްޓަރުވެސް ފޮނުވާލަނީ

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުވެސް އަނބުރާ ފޮނުވާލަން ނިންމައިފި އެވެ. ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރަން އިންޑިއާ އ...

05 Jun 2018 | 08:52

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުވެސް އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރަން އިންޑިއާ އިން ގެނެސްފައި އޮތް މި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ނިންމީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭތީއާ އެކު ބަދަލުގައި އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާތީ ކަމަށެވެ. އަދި އިންޑިއާ އިން ހެލިކޮޕްޓަރުތައް ރާއްޖެ އަށް ދިނީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ އެކަށީގެންވަނީ މަތިންދާބޯޓެވެ. އިންޑިއާ އިން ރާއްޖެ އަށް މަތިންދާބޯޓެއް ދޭން އެއްބަސްވެފައިވީ ނަމަވެސް، އެ ނުގެނެވި ލަސްވަމުން ދަނީ އުޅަނދު ޕާކުކޮށްފައި ބާއްވާނެ ތަނެއް ނުހެދޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓު ދުއްވާނެ ދިވެހި ޕައިލެޓަކު މިހާރު ހުރީ ހަމަޖެހިފަ އެވެ. އަދި އެ އުޅަނދު ބޭނުން ކުރާނީ ވެސް، ހެލިކޮޕްޓަރުތަކެކޭ އެއްގޮތަށް ހާލު ދެރަ ބަަލި މީހުން އުފުލައި، މީހުން ސަލާމަތް ކުރުމުގެ އިތުރަށް ސަވަޔަލެންސް ދަތުރުތަކަށް ކަމަށް ވިދާޅުވި އެވެ.

މަތިންދާ ބޯޓު ގެނައުމާއި ގުޅޭގޮތުން މީގެ ކުރިން އިންޑިއާ ސަރުކާރުގެ އޮފިޝަލަކު އެ ގައުމުގައި ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކުދި ރަށްރަށަށް ބަލިމީހުން ނަގަންށާއި ކުއްލި ހާލަތުގައި އެހީވާ ގޮސް މަތިންދާ ބޯޓަށް ތިރި ނުކުރެވޭނެ ކަމަށާއި، ކަނޑުމަތިން މީހަކު ނަގަންވެސް ހެލިކޮޕްޓަރު ވައިގެ ތެރޭގައި  މަޑު ކުރާހެން މަތިންދާ ބޯޓަށް މަޑު ނުކުރެވޭނެ ކަމަށެވެ.

އަސްކަރީ ބޭނުންތަކަށް ޕާކިސްތާނުން ދެ މަތިންދާބޯޓު ގަންނަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގައުމުން ދޭ 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)ގެ ލޯނަކުން ގަންނަން ނިންމާފައި ވަނީ ޕާކިސްތާނުގައި އުފައްދާ ސުޕަ މުޝާގް މަރުކާގެ ދެ ބޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް