ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އިންޑިއާގެ ޓްރިވަންޑްރަމް އިން ތިން ދިވެހިން އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ޝާނީޒް މަހީރު 27، އައިމަން އަހުމަދު، 24 އަދި އިބްރާހިމް ފައުޒާން ސާލިހު އެވެ. އެ ތިން މީހުން އަތުން 17 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކެރެލާ ނާކޮޓިކްސް ބިއުރޯއާއި ހަވާލާ ނޫސްތަކުގައިވެ އެވެ.
މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ކެރެލާ ފުލުހުން ޝާނީޒް އަށް ފާރަލާތާ ތިން ދުވަސް ފަހުންނެވެ. އިންޑިއާ ފުލުހުން ބުނެފައިވަނީ ޝާނީޒް އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި އެކި ގައުމުތަކުން ހޯދަމުން އަންނަ މީހެއް ކަމަށާއި އޭނާ އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ބޮޑު ނެޓްވޯކެއް ގެންގުޅޭ މީހެއް ކަމަށެވެ.
ކެރެލާ ފުލުހުން ބުނެފައި ވަނީ އެ ތިން ދިވެހިން ހައްޔަރު ކުރީ، ޓްރެވިންޑްރަމްގެ ޗާލާ ބާޒާރުން 32 ޕެކެޓްގެ ކައްކާ ތެޔޮ ގަނެގެން އައިސް އެ މީހުން ތިބި ފަސްތަރީގެ ހޮޓަލްގެ ކޮޓަރީގައި އެ ޕެކެޓްތައް ހުސްކޮށްލުމަށް ފަހު އޭގެ ތެރެއަށް ހަޝިސް އޮއިލް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ކެރެލާ ފުލުހުން ތުހުމަތު ކުރަނީ އެ ޑްރަގުތަކަކީ ވައިގެ މަގުން ނޫނީ ކަނޑުމަގުން ރާއްޖެ އާއި އެހެން އަވަށްޓެރި ގައުމުތަކަށް ފޮނުވަން ތައްޔާރު ކުރަމުން ދިޔަ ތަކެތި ކަމަށެވެ.
ނޫސްތަކުން ބުނީ، ފެނުނު ޑްރަގަގީ ވަރަށް ކޮލިޓީ ރަނގަޅު ތަކެތި ކަމަށާއި އެ ޑްރަގްތައް އިންޑިއާއަށް އެތެރެ ކުރި ގޮތެއް މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. މި ފަހަކަށް އައިސް ޓްރެވިންޑްރަމް އަކީ ޑްރަގް ޓްރެފިކް ކުރުމުގެ މައި ހަބަކަށް ވަމުން އަންނަކަން އިންޑިއާގެ ނޫސްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
މިދިޔަ މަހު ލަންކާ ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައިވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އޫޅުނު ދިވެހިންތަކެއް ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް