ކުރުވާހަކަ: ގެއްލުނު ހަޔާތް

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އެހަމަހިމޭންކަން ފޫދުއްވާލަނީ ފަރުމަތީގައި ބަނޑުދަމާލާފައި އައިސް ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ ނާނާއެއްފަދަ އަޑުންނެވެ. ރަށުގެ އެންމެންވެސް ނިދީގެ ފޮނިމީރުކަން ޙާސިލ...

05 Jun 2017 | 08:16

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އެހަމަހިމޭންކަން ފޫދުއްވާލަނީ ފަރުމަތީގައި ބަނޑުދަމާލާފައި އައިސް ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ ނާނާއެއްފަދަ އަޑުންނެވެ. ރަށުގެ އެންމެންވެސް ނިދީގެ ފޮނިމީރުކަން ޙާސިލް ކުރަމުންދާއިރު ރަށުގެ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ޖިފުޓިގަނޑެއްގެ ތެރެއިން ވަރަށް ބަލިގޮތަކަށް މީހަކު ކެއްސާއަޑު ކެނޑިނޭޅި އިވެމުންދެއެވެ. މިވޭނީ އަޑު އަހާނެ އެއްވެސް އިންސާނަކު މިދުނިޔޭގައި ކީއްކުރަން ހެއްޔެވެ؟އަމުދުން އެރަށުގައިވެސް ނުވާ ކަހަލައެވެ.

ޝިނާނަކީ ދެމަފިރިއަކަށް ލިބިފައިވާ ތިންކުދިންގެ ތެރެއިން ހަމައެކަނި ހުރި ފިރިހެންދަރިފުޅެވެ.ޅައިރުން ސުރެ ބޮޑުވަމުން އައީ މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުމާއި އެހީތެރިކަމާއި އެކުގައެވެ.އޭނާ އެއްޗަކަށް ބޭނުންވެގެން ނުލިބިފައި ހުންނާކަށް ނުޖެހެއެވެ.ބޭނުން އެއްޗެއް ބޭނުން ވަގުތަކު ލިބެއެވެ.ވާނީވެސް އެހެންތާއެވެ.އޭނާއަކީ މަންމަ އާއި ބައްޕަގެ ރަންދަރިވިއްޔާއެވެ.

ނަމަވެސް ޝިނާނުދަނީ މިކަމުގެ ނާޖާއިޒުފައިދާ ތަފާތު ގޮތްގޮތަށް ނަގަމުންނެވެ.ރަށުން ގުރޭޑުހަތެއް ނިމުމާއެކު މަންމަ އާއި ބައްޕަ އޭނާ މާލެފޮނުވީ އެމީހުންނާއި ވަކިން ދުރުހިސާބަކަށް މާފޮނުވާހިތަކުނެއް ނޫނެވެ.ހުރި ހަމައެކަނި ފިރިހެންދަރިފުޅަށް ރަނގަޅަށް ކިޔަވައިދީ އޭނާ މީހަކަށް ހެދުމަކީ އަބަދުވެސް އެދެމަފިރިން ދެކޭ ހުވަފެނެއް ކަމުގައިވާތީއެވެ.ނަމަވެސް ތަޢުލީމު ހޯދުމަށް ލިބުނު ރަނުގެ ފުރުޞަތު އޭނާ ނަގައިލީ ދުނިޔަވީ އުފަލަށްޓަކައެވެ.

ގުރޭޑުއަށަކާއި ހިސާބުން ކިޔެވުމާއި އަލްވަދާޢުކީ ރައްޓެހިންގެ ބަސްއަހައިގެން ފައިސާގެ ދަހިވެތިކަމުގައެވެ.އޭނާ ރައްޓެހިންނާއި އެކު ބޯޓުދަތުރު ކުރަންދިޔައީ ގިނަފައިސާ ހޯދުމުގެ ބޭނުމުގައެވެ.ފަހަރެއްގައިވެސް އޭނާއަށްޓަކައި ފޮނިހުވަފެންތަކެއް ދެކެމުންދާ މުސްކުޅި މައިންބަފައިންގެމަތިން އެންމެ ފަހަރަކުވެސް އޭނާ ހަނދާންހުރިހެނެއް ހިއެއްނުވެއެވެ.

އުފަލާއި މަޖަލުގައި ދުވަސްތައް ވޭތުކުރަމުންދިޔައީ މާދަމާއެއް އޮތްކަމަކަށް ނޫނެވެ.ދާކޮންމެ ބަދަރަކަށް ހިތްއުފާކޮށްލުމަށްޓަކައި އަތުގައި ހުރިއްޔާ ހުރި ފައިސާއެއް ހުސްކޮށްލަނީ ދުނިޔެވީ އަރާމާއި އުފަލަށްށެވެ.ހިތުގެ ހިތްހަމަޖެހުމަށްށެވެ.އޭނާ ކުޑައިރުއްސުރެ ނުލާހިކު ލޯބިން ގެންގުޅުނު މައިންބަފައިންނަށް ލޯލާރި ފޮއްޗެއްގެ މިންވަރު ނުފޮނުވިތާންގައި އެމީހުންގެ މަތިން އެންމެ ފަހަރަކު ނަމަވެސް ހަނދާން ހުރިހެނެއްވެސް ހިއެއް ނުވެއެވެ.

ދުވަސްތައް މާޒީގެ ޞަފުހާތަކާއި އެކުވެގެން ދިޔައީ ހީވެސްނުކުރާހާ ހަލުވި ދުވެއްޔެއްގައެވެ.ފުރިހަމަ ހައަހަރު ވޭތުވެގެން ދިޔަގޮތެއްވެސް ނޭގެއެވެ.ލިބުނު ކުރު ޗުއްޓީއެއްގައި ރަށަށް އައީ އެނބުރި ދިޔުމުގެ ފޮނި އުއްމީދުގައެވެ.ނަމަވެސް ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއި އެކު ލިބުނު ޚަބަރަކުން ގެއަށް ދިޔުމުގެ އުއްމީދު ކެނޑިއްޖެއެވެ.އެއީ އޭނާ ދެކެ ނުހަނު ލޯބިވާ މަންމަ އާއި ބައްޕަ ވަރަށް ބަލިހާލުގައި އުޅުމަށް ފަހު ނިޔާވި ޚަބަރެވެ.

ޝިނާނު މަޑުހިނގުމެއްގައި ގެއާއި ދިމާއަށް މިސްރާބުޖެހީ ހިތްކުދިކުދިވެފައިވާ ހާލުގައެވެ.ނުރޯން ހުއްޓަސް އޭނާގެ ލޮލުންވަނީ ކަރުނު ހިލުވާލާފައެވެ.ގެ ފެނުމާއެކު މާޒީގެ އުފާވެރިދުވަސްތައް ހަނދާނަށް އަންނަށް ފަށައިފިއެވެ.މައިންބަފައިންގެ އޯގާތެރި ފިރުމުންތަކުގެ ހަނދާނެވެ.ދެދައްތަ އާއި އެކު ކުޅެމަޖާކުރަން އުޅުނު ދުވަސްތަކުގެ ހަނދާނެވެ.މަންމަ ނުހަނު ލޯތްބާއި އެކު އަތުލަވައިގެން މަދަރުސާއަށް ގެންދިޔަ ދުވަސްތަކުގެ ހަނދާނެވެ.އެހެނަސް މިއަދު މިވަނީ ދުނިޔެ ބަދަލުވެފައެވެ.ދެދައްތަވެސް ދިރިއުޅެނީ އަތޮޅުގެ އެހެން ރަށެއްގައެވެ. އެކަނިވެރިކަމުގެ އިޚްސާސް ކުރެވެންފެށީ ދެނެވެ.

ރަށަށް އައިތާ ކުޑަދުވަސްކޮޅެއް ނުވަނީސް އާދަޔާޚިލާފަށް ކެއްސަން ފަށައިފިއެވެ.ރަށުގެ ޞިއްޙީމަރުކަޒަށް ދެއްކުމުން މާލެދިޔުމަށް ނަސޭހަތްތެރިވިއެވެ.މާލެގޮސް ދެއްކުމުން ފުރަތަމަ ބުނީ އެޗް އައި ވީއަށް ޓެސްޓުކުރާށެވެ.ޓެސްޓުގެ ނަތީޖާ ލިބުމުން ހިތްފަޅައިގެން ގޮސް މަރުނުވީ ކިރިޔާއެވެ.އެހިސާބުން ދުނިޔެ އާއި މެދު އުއްމީދުކެނޑުނެވެ.

އެކަނިވެރި ހިތަކައިގެން އެބުރިރަށަށް އަތުވެއްޖެއެވެ.އެހާލުގައި ހުރެ އޭނާދާނީވެސް ވަކިކޮން ތަނަކަށް ހެއްޔެވެ؟އިއްޔެ އޭނާ ހެޔޮދޭމީހުން ކަމުގައި ޤަބޫލުކުރި އެންމެން މިއަދު އޭނާއަކީ ނުދަންނަ މީހެއް ކަމުގައި ހަދައިފިއެވެ.މައިންބަފައިންގެ ގެދޮރުގައި އަޅާނެ މީހަކުނެތި މިހެން އޮންނަށް ޖެހުނީ ދުނިޔެވީ އަރާމާއި އުފަލަށް ހެއްލުމުގެ ސަބަބުންނެވެ.އެހެނަސް މިއަދު ކުރާނެކަމެއް ނެތެވެ.އޭނާއަކީ ހަމައެކަނި ކުޑަދުވަސްކޮޅެއްގެ މެހެމާނެކެވެ.ދައްތަމެން އޭނާދެކެ ކިތައްމެ ލޯބިވިޔަސް އެމީހުން ގާތަށް ދާން އޭނާއަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟އޭނާގެ ސަބަބުން އެމީހުންނަށް އިތުރުތަކުލީފެއް ޖެއްސުމަކީ މިއަދު އޭނާ އެދޭގޮތެއް ނޫނެވެ.އޭނާގެ ހަޔާތަކީ ދެން އާބާދުވާނެ ހަޔާތެއް ނޫނެވެ.އެއީ ގެއްލިފައިވާ ހަޔާތެކެވެ.އެހަޔާތް ދެން އެބުރިއެއް ނާންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް