ސަލަފް ފޯރަމް ގެ ނަމުގައި ދެ ޙަރަކާތެއް ބާއްވަނީ

މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 'ސަލަފު ފޯރަމް 1438' ގެ ނަމުގައި ދެ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިޕްރޮގްރާމަކީ މިއ...

05 Jun 2017 | 08:04

މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 'ސަލަފު ފޯރަމް 1438' ގެ ނަމުގައި ދެ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިޕްރޮގްރާމަކީ މިއަހަރުގެ ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގަމުން އަންނަ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރު މުޅިން އަލަށް ފަށާ ޕްރޮގްރާމެކެވެ. މިމަހުގެ 9 ވާ ހުކުރުދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މި  ފޯރަމުގައި ވާހަކަފުޅު ދައްކަވާނީ އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދް އާއި އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ. ފުރަތަމަ ފޯރަމްގެ މައުޟޫއަކީ 'ޑިޕްރެޝަން އާއި އީމާންކަން' މިއެވެ. އަލްމަދްރަސަތުލް ޢަރަބިއްޔާގައި ބާއްވާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 9:30 ގައެވެ. ގާތްގަނޑަކަށް އެއްގަޑި އިރުގެ މިފޯރަމުގައި މައުޟޫއާއިގުޅޭގޮތުން އިސްލާމީ ނަޒަރަކުން އަލިއަޅުވާލައްވަވާނެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުންދަނީ މި ބަރަކާތްތެރި ރަމަޟާން މަހު ދީނީ ވަރަށްގިނަ ޙަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ފުރުޤާން މިސްކިތުގައި ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ބާއްވަމުން ގެންދާ 'ދަލާއިލް ޕްރޮގްރާމާއި، އެހެނިހެން މިސްކިތްތަކުގައި ބާއްވަމުންގެންދާ ދީނީ ނަޞޭޙަތްތަކާއި، ޓީވީ ރޭޑިއޯގެ ލައިވް އަދި ރެކޯޑިންގ ޕްރޮގްރާމްތަކާއި، ރޯދަވެރިންނަށް ރޯޯދަ ވީއްލުން ދިނުމުގެ ޕްރޮގްރާމް އާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ބާއްވަމުންގެންދާ ދީނީ ނަޞޭޙަތްތަކާއި، ވީޑިއޯ ގެ ޒަރީޢާއިން އުފައްދަމުންގެންދާ ޕްރޮގްރާމުތަކާއި އަދިވެސް ދީނީ އިޖްތިމާޢީ ގިނަ ޕްރޮގްރާމުތަކެއް ދަނީ ހިންގަމުންނެވެ.

މިއަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް